ޅ. ހިންނަވަރު، މާފިނި ހަލީމަތު ލަމްހާ އަބްދުއްރަހްމާން
ޅ. ހިންނަވަރު، މާފިނި ހަލީމަތު ލަމްހާ އަބްދުއްރަހްމާން
ނަރުސް މޭރީގެ މަރުގެ މައްސަލާގައި ދަޢުވާ އުފުލާފައިވާ ހަލީމަތު ލަމްހާއަކީ މުޖްތަމައުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށާއި އެހެންކަމުން އޭނާ އަލުން ބަންދު ކުރަން ޖެހޭ ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

އައިޖީއެމްއެޗްގައި ހީމޯޑަޔަލެސިސް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ފިލިޕިންސްގެ މޭރީ ގްރޭސް ޕިނޭޑާގެ މަރުގެ މައްސަލާގައި ޅ. ހިންނަވަރު، މާފިނި ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ މައްޗަށް ދަޢުލަތުން އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އާއި، ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ.

މި މައްސަލާގައި އުފުލާފައިވާ ދަޢުވާތަކަށް ލަމްހާ ވަނީ އިންކާރުކޮށްފައެވެ. އެހެންކަމުން ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ވަނީ 110 ހެކި ހުށައަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 74 ޝަފަހީ ހެއްކާއި 36 ކިތާބީ ހެއްކެވެ.

މި މައްސަލަތަކުގައި ދަޢުވާ އުފުލާފައިވާ ހަލީމަތު ލަމްހާ ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ނެރުނީ 12 ނޮވެމްބަރު 2024 ވީ އަންގާރަ ދުވަހުއެވެ. ނަމަވެސް އެދުވަހުގެ ޝަރީޢަތުގެ މަޖިލީހުގައި ދަޢުލަތުން ވަނީ ލަމްހާ ބަންދުން ދޫކޮށްލުމަށް އިއުތިރާޒް ކުރާކަމަށް ކްރިމިނަލް ކޯޓުގައި ބުނެފައެވެ.

ލަމްހާ ތިން މަހަށް ބަންދުން ދޫކޮށްލުމަށް ކޯޓުން ކުރި ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ބަންދުން ދޫކޮށްލާފައި ހުންނަ މުއްދަތުގައި އިތުރު ކުށަކަށް އަރައިނުގަތުމާއި، ކޯޓަށް ހާޒިރުވާން އަމުރެއް ލިބިއްޖެ ނަމަ އަމުރުގައިވާ ގަޑިއަށް ކޯޓަށް ހާޒިރުވުމާއި، މާލޭން ބޭރަށް ދާނަމަ ކޯޓުގެ ހުއްދަ ލިޔުމުން ހޯދައިގެން ނޫނީ ނުދިއުމާއި، މައްސަލައިގައި ހެކިބަސް ދޭނެ ކަމަށް ގަބޫލުކުރެވޭ ހުރިހާ މީހުންނާ މުއާމަލާތް ނުކުރުމަށާއި ބައްދަލުކޮށްނުހެދުމާއި، އެއްވެސް ހާލަތެއްގައި ގެއިން ބޭރަށް ދާން ޖެހިއްޖެނަމަ ފުލުހުންގެ ހުއްދަ ހޯދުމާއި، ބަންދުން ދޫކޮށްލާފައި ހުންނަ މުއްދަތުގައި ރާއްޖޭން ބޭރަށް ނުދިޔުމެވެ.

އޭގެފަހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އެހެންކަމުން މައްސަލާގައި ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ލަމްހާ ބަންދުކޮށްފައިވަނީ އޭނާގެ މައްޗަށް އެކަށީގެންވާ ހެކި ހުރުމުން މުޖްތަމައުގެ ސަލާމަތަށް ނުރައްކާތެރި މީހެއް ކަމަށްވާތީ ކަމަށާއި އެކަމަށް ހައި ކޯޓުން މީގެ ކުރިން ތާއީދު ކޮށްފައިވާ ކަމަށެވެ.

ހަމައެއާއެކު ދައުލަތުން ބުނީ ހޮސްޕިޓަލްތަކުގައި ނޫނީ ބޭނުން ނުކުރެވޭ ފަދަ ބޭހެއް ލަމްހާގެ ކޮޓަރިން ފެނިފައިވާއިރު މޭރީގެ ހަށިގަނޑުން ވެސް އެ ބޭހުގެ އަސަރު ފެނިފައިވާ ކަމަށެވެ. އަދި ލަމްހާގެ ބަންދުކުރި ހާލަތު އަދިވެސް ބަދަލު ވެފައިނުވާ ކަމަށާއި އެހެންކަމުން އޭނާ ބަންދުކުރަން ޖެހޭ ކަމަށް ދައުލަތުން ބުންޏެވެ

އެހެންކަމުން ދައުލަތުން އެދިފައިވަނީ ލަމްހާ ދޫކޮށްލަން ނެރުނު އަމުރު ބާތިލްކޮށް ދަށު ކޯޓުން އަލުން ބަންދާމެދު ގޮތެއް ކަނޑައަޅަންދެން އޭނާ ބަންދުކުރުމަށް ހައި ކޯޓުން އަމުރުކޮށް ދިނުމަށެވެ.

މިއަދުގެ އަޑުއެހުމުގައި ލަމްހާގެ ވަކީލް ވިދާޅުވީ ކްރިމިނަލް ކޯޓުން ލަމްހާ ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހު ކަމަށާއި އޭނާގެ ފަރާތުން މުޖްތަމައުއަށް ނުރައްކަލެއް ނެތް ކަމަށެވެ. އަދި ލަމްހާ ދޫކޮށްލި ފަހުން ގެއިން ބޭރަށް ދާން ހުއްދައަށް އެދުނީ އެންމެ ފަހަރަކު ކަމަށް ވިޔަސް އެކަމަށްވެސް ފުލުހުން ހުއްދަ ދީފައި ނުވާކަން ވަކީލް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ލަމްހާ އަލުން ބަންދަށް ގެންދަންޖެހޭ ޙާލަތެއް ނެތް ކަމަށް ލަމްހާގެ ވަކީލް ވިދާޅުވެފައިވެއެވެ.

މި މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ވަނީ ނިންމާލައިފަ އެވެ. މައްސަލައިގައި ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމެވެ.



ލަމްހާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނަމަވެސް އެ މައްސަލާގައި ދައުވާލިބޭ މާވިން އަދިވެސް ހުރީ ބަންދުގަ އެވެ.

މި މައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ދިރިއުޅެމުން އައި މޭރީ ދަންޖެހިގެން މަރުވެފައިވާކަމަށް ބުނެ އޭނާގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އޭނާގެ މަރުގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން ފިރިމީހާ މާވިން އެސްވައި ވާގަސް ހައްޔަރުކުރީ އެ މަހުގެ 27 ވަނަ ދުވަހުއެެވެ.

އަދި މޭރީގެ މަރުގެ މައްސަލާގައި މާވިންގެ ދިވެހި ލޯބިވެރިޔާ ކަމަށްބުނާ 24 އަހަރުގެ ލަމްހާ ހައްޔަރުކުރީ 2021 ވަަނަ އަަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހުއެވެ.

ލަމްހާގެ މައްޗަށް ދައުވާ ކޮށްފައިވާ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ އަސާސީ އަދަބަކީ ހަ އަހަރަށް ޖަލަށް ލުމެވެ. މި ދައުވާ ކޮށްފައިވަނީ މޭރީ މަރާލުމުގައި އެހީތެރިވެދީފައިވާތީއާއި މޭރީ މަރާލުމަށް ރޭވި ރޭވުމުގައި ބައިވެރިވެ، މޭރީ މަރާލުމުގެ އަމަލު ހިންގުމަށް މާވިންއަށް މަގުފަހިކޮށްދީފައިވާތީއެވެ.

ލަމްހާއަށް ކޮށްފައިވާ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާގެ އަސާސީ އަދަބަކީ ދެ މަހާއި ބާރަ ދުވަހަށް ޖަލަށް ލުމެވެ. މި ދައުވާ ކޮށްފައިވަނީ ލަމްހާ އުޅުނު ގެ ފާސްކުރިއިރު، އެ ގޭގައި އޭނާ ދިރިއުޅޭ ކޮޓަރީ ތެރެއިން ފެނުނު ސިޓީ އުރައެއްގެ ތެރެއިން، އައިޖީއެމްއެޗްގެ ހުއްދައަކާ ނުލައި، އެ ހޮސްޕިޓަލުން އޭނާ ނަގާފައިވާ، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ، އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ފެނިފައިވާތީ އެވެ.

ލަމްހާއަށް ކޮށްފައިވާ ތިން ވަނަ ދައުވާ ކަމަށްވާ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ އަސާސީ އަދަބަކީ ވެސް ދެ މަހާއި ބާރަ ދުވަހަށް ޖަލަށް ލުމެވެ. މި ދައުވާ ކޮށްފައިވަނީ ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ލަމްހާ އުޅޭ ތަނުން ފެނިފައިވާތީއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން