ދަތް ހަލާކުވެ ދަތްތައް ވެއްޓުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެއް- ގޫގުލް އިމޭޖެސް
ދަތް ހަލާކުވެ ދަތްތައް ވެއްޓުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެއް- ގޫގުލް އިމޭޖެސް
ކުޑައިރު ދަތް ވެއްޓުމުން އެ ދަތްތައް އަލުން ފަޅާނެއެެވެ. ނަމަވެސް އެއްވެސް ސަބަބަކާހުރެ ބޮޑެތި މީހުންގެ ދަތްތައް ހަލާކުވުމުން ނުވަތަ ވެއްޓުމުން އަލުން އެ ދަތްތައް ގުދުރަތީ ގޮތުން ނުފަޅައެވެ. މިގޮތައް ދަތްތައް ހަލާކުވުމުން މިކަމަށް ފަރުވާ ހޯދުމަށްޓަކައި ގިނަ ފަހަރު ބޭނުން ކުރަން ޖެހެނީ ޑެންޓިސްޓުންގެ ލެބުތަކުގައި އުފައްދާ "ޑެންޗާސް" ނުވަތަ "އިމްޕްލާންޓު" ތަކެވެ. މިގޮތަށް ދަތްތައް ބަދަލުކުރުން މިއީ ވަރަށް އަގުބޮޑު އަދި ވޭންދެނިވި މަރުހަލާއެކެވެ.

މިއީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. ވަރަށް ޘުވާން އުމުރުގައިވެސް ދަތްކޮޅު ބަލިވެ ފައިބާގޮތް ވެއެވެ. ނަމަވެސް ސައިންސުވެރިން މިވަނީ މިހާރު މިކަަމަށް ހައްްލެއް ހޯދައި، މިގޮތަށް ވެއްޓޭ ދަތްތައް އަލުން ފެޅުމަށް އެހީތެރިވެދޭ ބޭހެއް އުފައްދާފައެވެ.

ޖަޕާނުގެ ކިޔޯޓޯ ޔުނިވާސިޓީގެ ސައިންސުވެރިން ކުރި ދިރާސާތަކަކުން ހޯދިފައިވާ ގޮތުގައި ހަށިގަނޑުން ހަލާކުވެގެން ވެއްޓޭ ދަތްތައް އަލުން ފެޅުން ހުއްޓުވަނީ ހަށިގަނޑުގައިވާ ޕްރޮޓީން އެއް ކަމަށްވާ ޔޫއެސްއޭޖީ-1 ޕްރޮޓީންއެވެ. މި ޔުނިވާސިޓީގެ ދިރާސާވެރިން މިހާރު ވަނީ ހަށިގަނޑުގައި ހުންނަ މި ޕްރޮޓީންގެ މަސައްކަތްތައް ހުއްޓުވުމުގައި އެހީވެދޭފަދަ ބޭހެއް ނުވަތަ "އެންޓިޖެން" އެއް އުފައްދާފައެވެ.

އަދި މިހާރު މި ދިރާސާވެރިން ވަނީ ޓޯރޖެމް ބައޯފާމާ ނަމަކަަށް ކިޔާ ކުންފުންޏެއް އުފައްދައި މި ބޭސް ޓެސްޓު ކުރަން ފަށާފައެވެ. އެގޮތުން މީގެ ފުރަތަމަ މަރުހަލާގެ ޓެސްޓުތައް ކޮށްފައިވަނީ މީދާ ބޭނުން ކޮށްގެންނެވެ. އަދި އެ ޓެސްޓުތަކުން ލިބުނު ހޯދުންތަކުން އެނގިފައިވާ ގޮތުގައި މި ބޭސް ބޭނުން ކުރުމުން މީދަލުގެ ދަތްތައް ވަނީ އަލުން ފަޅާފައެވެ.

މިހާރު މި ބޭސް ޓެސްޓު ކުރުމުގެ ދެވަނަ މަރުހަލާގައި އިންސާނުން ބޭނުންކޮށްގެން ޓެސްޓު ކުރަން ފަށާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އެގޮތުން އެންމެ ފުރަތަމަ މި ބޭސް ޓެސްޓު ކޮށްފައިވަނީ މެދު އުމުރުގެ މީހުންގެ މެދުގައެވެ.

އަދި މި އަހަރުތެރޭގައި 2 އަހަރާ 6 އަހަރާ ދެމެދު ކުދިންނަށް މި ބޭސް ދިނުމުން ވާ ގޮތް ބަލަން ދިރާސާއެއް ކުރަންް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި ދޮށީ އުމުރުގެ މީހުންނަށްވެސް މި ބޭސަ ބޭނުންކުރެވޭނެ ފަދަ ގޮތެއް ހޯދުމަށް މި ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.

ތަފާތު އެކި ސިއްހީ މައްސަލަތަކާހުރެ، ނުވަތަ ދަތް ފަނި ކެއުމުގެ ސަބަބުން ދަތްތައް ހަލާކުވެ، ވެއްޓުމަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގެ މީހުންނަށް ދިމާވާ މައްސަލައެކެވެ. މި މައްސަލައަށް ޙައްލެއް ހޯދުމަކީ ގިނަ މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް މުހިންމު ކަމެކެވެ. މި އާ ހޯދުންތަކަކީ މިގޮތައް ދަތްތައް ވެއްޓި، އަލުން ދަތް ނުފަޅާތީ ކަންބޮޑުވެ އަމިއްލަ ނަފްސުމަތިން ފޫހިވާ މީހުންނަށް އާ އުންމީދުތަކެއް ގެނެސްދޭނެ ހޯދުންތަކެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން