ޝާން މުހައްމަދު   1 ފެބްރުއަރީ 2025 - 15:55
ފަތުރުވެރިކަމުގެ ދާއިރާގައި ދެމުން އަންނަ ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް (ސަޓާ) ގެ މި އަހަރުގެ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

މި އެވޯޑަކީ ދެކުނު އޭޝިޔާ ސަރަޙައްދުގައި ޓޫރިޒަމް ދާއިރާއިން ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. މިއަހަރުގެ ސަޓާ އެވޯޑު ބޭއްވުމަށް ހަމަޖެހިފައިވަނީ އަވައްޓެރި ސްރީ ލަންކާގަ އެވެ. މިއީ ސަޓާ އެވޯޑް ބާއްވާ ނުވަ ވަނަ އަހަރެވެ.

އަންނަ މަހުގެ 15 އާ ހަމައަށް މި އެވޯޑުގެ މި އަހަރުގެ އެޑިޝަނަށް ކުރިމަތިލާން ވަނީ ހުޅުވާލާފައެވެ. ސަޓާގެ ވެބްސައިޓް މެދުވެރިކޮށް އެވޯޑަށް އެދި އެޕްލިކޭޝަން ހުށަހެޅޭނެ އެވެ.

ފާއިތުވި 2024 ވަނަ އަހަރު ސަޓާ އެވޯޑް ބޭއްވީ ނޭޕާލްގެ ވެރިރަށް، ކަތަމަންޑޫގަ އެވެ. އެ އެވޯޑްގައި ރާއްޖެއިން 30 އެވޯޑެއް ހޯދި އެވެ. އޭގެ ތެރޭގައި ވިޒިޓާސް ޗޮއިސްގެ "ލީޑިން ބީޗް ޑެސްޓިނޭޝަން" އެވޯޑް ވެސް ހިމެނެ އެވެ. މިދިޔަ އަހަރު ރާއްޖެއިން 15 ގޯލްޑް އެވޯޑާއި 14 ސިލްވާ އެވޯޑް ހާސިލުކުރި އެވެ.

މިދިޔަ އަހަރުގެ ސަޓާ އެވޯޑް 144 ދާއިރާއަކުން ދިނެވެ. އޭގެ ތެރޭގައި ހިމެނެނީ 51 ގޯލްޑް އެވޯޑާއި 93 ސިލްވަ އެވޯޑެވެ. މި އެވޯޑްތަކަށް 400 އަށް ވުރެ ގިނަ ނޮމިނޭޝަން ލިބުނެވެ.

2016 ވަނަ އަހަރުން ފެށިގެން މި އެވޯޑު ބާއްވަމުން އަންނައިރު ސަޓާގައި ރާއްޖެއާ އެކީ ވާދަކުރާ ގައުމުތަކުގެ ތެރޭގައި ލަންކާ، ބަންގްލަދޭޝް، ނޭޕާލް، ބޫޓާން އަދި އިންޑިއާ ހިމެނެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން