ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރު ހިންގަވަން ބޭނުންފުޅުވަނީ ފިއްލަވައި ހުންނަވައިގެން ނޫން ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމްގައި ރޭ ވާހަކަ ދައްކަވަމުން ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާޢު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރު ހިންގަވަން ބޭނުންފުޅުވަނީ ފިއްލަވައި ހުންނަވައިގެން ނޫން ކަމަށެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ އިދިކޮޅު ފަރާތްތަކުގެ އަޑު އައްސަވައިގެން ވެރިކަން ކުރަށްވަން ކަމަށް ޝުޖާޢު ވިދާޅުވިއެެވެ.

"އަޅުގަނޑުމެންގެ ރައީސުލްޖުމުހޫރިއްޔާ އެ ގަޓުވެސް ހުރޭ، އެ ހިތްވަރު ވެސް އެބަހުރި، އަދި ވާދަވެރިން ދައްކާ ވާހަކަ އަޑުއެހުމުގެ ޤާބިލްކަން ވެސް އެމަނިކުފާނުގެ އެބަހުރި، އަދި އަޑުއައްސަވާފައި ކަމެއް ބަދަލުކުރަން ޖެހިއްޖެ ކަަމަށް ވަންޏާ އެ ބަދަލެއް ގެނައުމުގެ ހިތްވަރު ވެސް މިއަދުގެ ރައީސުލްޖުމުހޫރިއްޔާގެ އެބަހުރި،" ޝުޖާޢު ވިދާޅުވިއެވެ.

ޝުޖާޢު އިތުރަށް ވިދާޅުވީ ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީ އަކީ މަލްޓިޕާޓީ ސިސްޓަމެއްގައި ވާދަވެރި ފަރާތްތަކުގެ އަޑުއަހާ ބައެއް ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީ ވެރިކަމުގައި އޮތްއިރު ވާދަވެރި ފަރާތްތަކުގެ އަޑުނާހާ ކަމަށް ޝުޖާޢު ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީން ދާދިފަހުން މާލޭގައި ބޭއްވި މުޒާހަރާ އާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާޢު ވިދާޅުވީ، އެމުޒާހަރާގައި 23 ކަމެއް އިދިކޮޅު ފަރާތްތަކުން ކުރުމަށް ގޮވާލި ކަމަށެވެ. އޭގެ ތެރޭގައި ތާކުން ތާކު ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށާއި އެމްޑީޕީން ކުރަން ގޮވާލި ކަންތައްތަކަކީ މިހާރު ވެސް ސަރުކާރުން ކުރަމުންދާ ކަންތައްތައް ކަމަށް ޝުޖާޢު ވިދާޅުވިއެވެ.

"ބައްލަވާ ދެއްކި އެއްވެސް ވާހަކަ އެއް ނެތް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ސަރުކާރުގެ ވެރިން މަޖިލީހަށް ގެނެސްގެން ހައްލު ކުރަންޖެހޭ އެއްވެސް ކަމެއް ނެތް، ހުރިހާ ކަމަކީ ވެސް ކުރެވެމުންދާ ކަންތައްތައް. އާސަންދަ އަށް ބެލިކަމުގައި ވިޔަސް އެ ނޫން ކަންކަން ވެސް،" ޝުޖާޢު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން