ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު- ގޫގުލް އިމޭޖެސް
ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު- ގޫގުލް އިމޭޖެސް
އިންސާނާގެ ހިތަށް ހަގީގީ އުފާވެރިކަން ލިބޭނީ އެމީހެއްގެ އީމާންތެރިކަން ވަރުގަދަ ވީވަރަކުން ކަމަށް ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ދިވެހިންގެ އުފާވެރިކަން މިންކުރުމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ރިލޭޝަންސް އިން އިސްނަގައިގެން އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ "ހެޕިނަސް އިންޑެކްސް" ލޯންޗްކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ އެއީ ވަރަށް ޝައުޤުވެރި މައުޟޫޢެއް ކަމަށާއި، އަޅުގަނޑުމެންނަކީ މުސްލިމުންކަމުގައި ވާ ހިނދު މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް އިރުޝާދު ދޭ ގޮތުގައި އިންސާނާގެ ހިތަށް ޙަޤީޤީ ހަމަޖެހުމަކާއި އުފާވެރިކަމެއް ލިއްބައިދެނީ ހަމައެކަނި މާތް ﷲ ހަނދުމަކޮށް، ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުމުން ކަމަށެވެ. އަދި ރޫޙާނީ މުއްސަނދިކަމަށް ބަލާ ނަމަ އިންސާނާއާ އޭނާ ހެއްދެވި ފަރާތާ ދެމެދު މަތިވެރި ގުޅުމެއް ވާންޖެހޭ ކަމަށާއި، އިންސާނާގެ އަޚްލާޤުގައި ކިޔަމަންތެރި އުޅުމެއް ހަރުލައިފައި ހުންނަން ޖެހޭ ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ އަތްމަތި ތިޔާގިކަމާއި، ދުޅަހެޔޮކަމާއި، ނަފުސާނީ ފުދުންތެރިކަމާއި، މި ފަދަ ހުރިހައި ކަމެއްގެ އިތުރަށް، ރޫޙާނީ ވެށި ނުވަތަ އީމާންތެރިކަން ހަރުދަނާ ކުރަން އަބަދުވެސް ވިސްނަން ޖެހޭ ކަމަށެވެ. އަދި ޙަޤީޤީ އުފާވެރިކަމުގެ ކިއްލާއަކީ އީމާންތެރިކަމުގެ ނޫރުން އަލިވެފައިވާ ހިތެއް ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.



"ކޮންމެ އިންސާނަކާއެކުވެސް އުފާވެރިކަންވޭ، އެ މީހަކަށް ހިތާމައެއް މެދުވެރިވިކަމުގައި ވީ ނަމަވެސް، އަލުން އުފާވެރި ހާލަތަށް ރުޖޫޢަވެވޭ. އެއީ ޤުދުރަތުން އެކަން ލައްވާފައިވާ ގޮތް. އެ ކަމަނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މެޑަމް ސާޖިދާ މިއަދު ވަނީ ދިވެހިރާއްޖޭގެ "ހެޕިނަސް އިންޑެކްސް" ލޯގޯ އިފްތިތާޙުކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި "ހެޕިނަސް އިންޑެކްސް" އަށް ތައްޔާރުކޮށްފައިވާ ޚާއްޞަ ލަވައެއްވެސް ތައާރަފް ކޮށްފައިވެއެވެ.

ދިވެހިންގެ އުފާވެރިކަން މިންކުރުމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ރިލޭޝަންސް އިން އިސްނަގައިގެން އެކުލަވާލުމުގެ މަސައްކަތް ފައްޓަވަފައިވާ މަޝްރޫޢުގެ ރިސަރޗް ޕަރޓްނަރަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް) އެވެ.

މިއީ ދިވެހިންގެ އުފާވެރިކަން މިންކުރުމަށް ރަސްމީ ސިފައެއްގައި އޮނިގަނޑެއް އެކުލަވާލައި، ދިވެހި ޤައުމުގެ އުފާވެރިކަމުގެ ނިސްބަތް ދެނެގަތުމުގެ މަޝްރޫޢެއް ހިންގަން ފެށި ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ ރައްޔިތުންގެ އުފާވެރިކަން ހުރި މިންވަރު ބެލުމަށް "ހެޕިނަސް އިންޑެކްސް" އެއް ކަނޑައެޅުމުގެ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފެއްޓެވީ، ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ އުފާވެރިކަމާއި ހިތްހަމަޖެހުމާއި، ކޮންމެ ރަށެއްގެ ހާލަތު ރަނގަޅަށް ދެނެގަނެވުމަކީ މުހިންމު ކަމެއްކަމުގައި ދެކެވަޑައިގެން، ރިޔާސީ ދައުރުގެ ފުރަތަމަ އަހަރުގެ ތެރޭގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން