ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިރުޝާދުގެ ދަށުން ދިވެހިރާއްޖެ ޑިޖިޓަލް ބަދަލަކަށް ވާސިލުވުމަށް ބޭނުންވާ މައިގަނޑު އަސާސްތަކެއް އެކަށައެޅުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުން ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއިން ހުށަހެޅި ކަރުދާހަށް މަޝްވަރާކުރެއްވުމަށްފަހުއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖީލީހުގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ މިންގަނޑުގައި އައި.ސީ.ޓީ ދާއިރާގެ ޙިއްޞާ މަތިކޮށް، އަދި ޑިޖިޓަލް އިގުތިސާދީ މަންފާތައް ދިވެހިންނަށް ފޯރުކޮށްދިނުމަށާއި، ދިވެހިރާއްޖޭގެ ޑިޖިޓަލް ބަދަލުގެ ދަތުރު މިހާރަށްވުރެ ހަލުވި ދުވެލީގައި ހާސިލުކޮށް، އައި.ސީ.ޓީގެ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުމަށްޓަކައި ސަރުކާރުގެ ޓެކްނޯލޮޖީ ސިޔާސަތު ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމިއެވެ.

އެގޮތުން ކުރުމަށް ނިންމި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:

- ޤައުމީ ފެންވަރުގައި ހިންގާ ޑިޖިޓަލް ބަދަލުގެ މަޝްރޫޢުތައް ހަލުވިކޮށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޒަމާނީ ޤާނޫނުތައް ތަޢާރަފުކޮށް ޤާނޫނީ އޮނިގަނޑު ފުރިހަމަކުރުން އަދި އިޤްތިޞާދެއް ބިނާކުރުމަށް ފަހި ހިންގުމުގެ އޮނިގަނޑެއް އައި.ސީ.ޓީ ދާއިރާއިން ގާއިމުކުރުން.

- ސަރުކާރުގެ އިދާރާތަކުގެ މެދުގައި ޑޭޓާ އަދި ފަސޭހަކަމާއެކު މަޢުލޫމާތު ޙިއްސާކުރެވޭނެ "އިންޓަރ އޮޕަރަބަލް އޯޕަން ޑޭޓާ ޝެއަރިންގ ޕްލެޓްފޯމެއް" ގާއިމުކުރުން. އަދި މިކަމަށް މަގުފަހިކޮށްދިނުމަށް އަސާސީ 'ސިންގަލް ސޯސް އޮފް ޓުރުތް" ގެ ގޮތުގައި ބޭނުންކުރާ މަރުކަޒީ ދަފްތަރުތަކާއި ރަޖިސްޓްރީތައް އެކަށައަޅައި އެ ދަފްތަރުތައް ނުވަތަ ރަޖިސްޓްރީތައް ބަލަހައްޓަންޖެހޭ ދައުލަތުގެ އިދާރާތައް ކަނޑައެޅުން.

- ސިޓިޒަން ސެންޓްރިކް ޚިދުމަތް ފޯރުކޮށްދިނުމަށާއި އީ-ގަވަރންމަންޓްގެ ނިޒާމު ހަރުދަނާކުރުމަށް ޤައުމީ ފެންވަރުގައި އޮޕަރޭޓްކުރާ މަރުކަޒީ ޕްލެޓްފޯމްތައް އެކަށައަޅައި އާއްމުކުރުން.

- އީ-ގަވަރމަންޓް ނިޒާމު ފުޅާކޮށް ހަރުދަނާކުރުމަށް ދައުލަތުގެ ހުރިހާ އިދާރަތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުން.

- ދައުލަތުގެ އިދާރާތަކުގައި އެއްކުރެވިފައިވާ މަޢުލޫމާތާއި ޑޭޓާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ނޭޝަނަލް ސޮވަރިންގ ކްލައުޑް ގާއިމުކުރުމާއި، ޑޭޓާ ސެންޓަރުގެ ވަސީލަތްތައް ފުޅާކުރުމާއި ޑިޖިޓަލް އަރުޝީފު ނިޒާމު ހަރުދަނާކުރުން.

- އީ-ފާސް، އިލެކްޓްރޯނިކް އައިޑެންޓިފިކޭޝަން ނިޒާމުގެ ގޮތުގައި ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ތަރައްޤީކުރުމާއެކު، ޑިޖިޓަލް ސޮއި ބޭނުންކުރަން ފެށުން.

- ޑިޖިޓަލް ބަދަކަށް ފައްކާވެފައިވާ މަސައްކަތުގެ އާބާދީއެއް ބިނާކުރުމަށް ތަޢުލީމީ މުޤައްރަރު ޓެކްނޯލޮޖީއަށް އަހުލުވެރިކުރުވާ ޢިލްމީ ބައިތައް އިތުރުކޮށް، މަސައްކަތްތެރިންގެ އާބާދީ އައު ޓެކްނޯލޮޖީގެ ދާއިރާއިން ތަމްރީންކޮށް އަދި މި ދާއިރާގެ ދިރާސާތައް ތަތައްޤީކޮށް. ޑިވެލޮޕްމަންޓް އަދި އިނޮވޭޝަންގެ މަސައްކަތްތައް ކުރިއެރުވުމަށް ޚާއްޞަ ފަންޑެއް އުފައްދައި ތަމްރީނާއި ތަހުލީލުގެ މަސައްކަތްތައް ފުޅާކުރުމަށް ފުރުސަތު ފަހިކޮށްދިނުން.

- އައި.ސީ.ޓީ އަދި އެހެނިހެން ޓެކްނޯލޮޖީގެ ޚިދުމަތްތައް ސަރުކާރުގެ ބޭނުންތަކަށް ހޯދުމުގައި ދިވެހިންނަށް އިސްކަން ދިނުން ނުވަތަ 'ލޯކަލް ފަސްޓް' ސިޔާސަތަށް ޢަމަލަކުރަން ނިންމުން.

- ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ޤާއިމްކުރުން.

މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި މަތީގައި ބަޔާންކޮށްފައިވާ ކަންކަން ކުރެއްވުމަށް ޓައިމްލައިންތައް ކަނޑައަޅުއްވައި އެކިކަންކަން ޙާޞިލްކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

ރައީސް މިފަހުން އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު ޓެކްނޮލޮޖީގެ ދާއިރާގައި ރާއްޖެއަށް އިންގިލާބެއް ގެނައުމަށް ގިނަ ކަންތައްތަކެއް ކުރައްވާނެކަން މީގެކުރިން ވެސް ވަނީ އިއުލާނުކުރައްވާފައެވެ.

އަދި އެ މަސައްކަތްތަކުގައި އެސްޓޯނިއާގެ އެހީތެރިކަންވެސް ލިބޭނެކަމަށް އެގައުމުން ބުނެފައިވާކަމަށް ރައީސް ވަނީ ކުރިން ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން