ދައުލަތުގެ ހަރަދު ކުޑަކުރުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން މި އަހަރުގެ ފުރަތަމަ ތިން ހަފްތާގައި ދައުލަތުން ކުރި ހަރަދަށްވުރެ އާމްދަނީ އިތުރުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރެފައިވާ ވީކްލީ ފިސްކަލް ރިޕޯޓްގައިވާ މާލީ ހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ޖަނަވަރީ 1 އިން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް 1.3 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. ނަމަވެސް ދައުލަތުގެ ހަރަދުތައް ހުރީ 843 މިލިޔަން ރުފިޔާގައެވެ.

އެހެންކަމުން އެއީ 491.5 މިލިއަން ރުފިޔާގެ އާމްދަނީގެ އިތުރުވުމެކެވެ.

ދައުލަތުގެ ހަރަދަށް ބަލާއިރު އެ މުއްދަތުގައި ހޭދަކޮށްފައިވަނީ 846 މިލިއަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ ތިން ހަފްތާއާ އަޅާބަލާއިރު 32 އިންސައްތަ ދަށް އަދަދެކެވެ.

ރިޕޯޓުގައި ބުނެފައިވާގޮތުން އެންމެބޮޑު އާމްދަނީއެއް ލިބުނީ ޓެކްސްގެ ގޮތުގައެވެ. އެގޮތުން 1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 275 މިލިއަން ރުފިޔާއެވެ.

ހިލޭ އެހީގެ ގޮތުގައި 4.2 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ވެސް ފިނޭންސް މިނިސްޓްރީގެ ރިޕޯޓުން ދައްކައެވެ.

ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކޮށް ދަރަނިން އަރައިގަތުމަށް، ދައުލަތް ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެ ފިޔަވަޅުތަކަށް ބާރު ދިނުމުގެގޮތުން ރައީސްގެ މުސާރައިން 50 އިންސައްތަ ނުނެންގެވުމަށް ނިންމަވާފައިވާއިރު ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިގެ ވެސް ބޮޑު އިންސައްތައެއް ވަނީ އުނިކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން