ޔޫއެސް އެއިޑުގެ ދިދަ- ގޫގުލް އިމޭޖެސް
ޔޫއެސް އެއިޑުގެ ދިދަ- ގޫގުލް އިމޭޖެސް
އެމެރިކާގެ ސަރުކާރުން ޔޫއެސްއެއިޑުގެ މަސައްކަތްތައް ހުއްޓުވައި އެހީ މެދުކަނޑާލުމުން އަވަށްޓެރި ލަންކާގެ އެންޖީއޯތަކަށް ބޮޑު ގެއްލުމެއް ލިބި އެތައް ބައެއްގެ ވަޒީފާ ގެއްލުމުގެ ބިރު އޮތް ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ކުއްލި ގޮތަކަށް ޔޫއެސްއެއިޑުގެ އެހީ މެދުކަނޑާލުމުން އޭގެ ސަބަބުން ލަންކާގެ އެތައް އެންޖީއޯތަކެއްގެ މަސައްކަތް މެދުކަނޑާލަން ޖެހިފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. އޭގެ ތެރޭގައި އިންސާނީ ހައްގުތައް ހޯދައިދިނުމުގެ މަސައްކަތް ކުރާ އެންޖީއޯތަކާއި ހެޔޮވެރިކަމާ ބެހޭ އެންޖީއޯތަކާއި، އަންހެނުންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ކުރާ އެންޖީއޯތައް ހިމެނެއެވެ.

އެގައުމުގެ އެންޖީއޯތަކުން ބުނެފައިވަނީ އެ ޖަމިއްޔާތަކަށް މިކަމުގެ ސަބަބުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، 1000 އަށްވުރެ ގިނަ މީހުންގެ ވަޒީފާވެސް ގެއްލޭނެ ކަމަށެވެ.

"އެމެރިކާގެ މި ނިންމުމުގެ ސަބަބުން އަޅުގަނޑުމެން މިވަނީ ވަރަށް ނާޒުކު ހާލަތެއްގަަ، ވަރަށް ގިނަ މުވައްޒަފުން ވަޒީފާތަކުން ވަކިކުރަން ޖެހުނު، އަދި މިގޮތަށްް އެހީ މެދުކަނޑައި ގިނަ ދުވަސްވާނަމަ ވަރަށް ގިނަ ޕްރޮގްރާމުތައް ހުއްޓާލަން ޖެހޭނެ." އެންޖީއޯއެއްގެ ފަރާތުން ނިއުސްވަޔާ އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

އެމެރިކާއިން އެހެން ގައުމުތަކަށް ފޯރުކޮށްދެމުންދާ ހުރިހާ އެހީއެއް ވަނީ އެގައުމުގެ ރައީސް ޓްރަމްޕުގެ ސިޔާސަތެއް ކަމަށްވާ "އެމެރިކާ ފަސްޓު" ގެ ދަށުން މެދުކަނޑާލާފައެވެ. އެމެރިކާއިން މިހެން ކަންތައް ކޮށްފައިވަނީ އެގައުމުގެ އެތެރޭގެ ހަރަދުތަކަށް ހޭދަކުރާ ވަރު އިތުރު ކުރުމަށް ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

އެމެރިކާގެ ސަރުކާރުން އެހީތައް މެދުކަނޑާލަން ނިންމީ 90 ދުވަހަށެވެ. ނަމަވެސް އެމެރިކާ ސަރުކާރުގެ އިސް ވެރިން ދަނީ ޔޫއެސްއެއިޑުން ފޯރުކޮށްދޭ އެހީތަކާމެދު ޝައްކު އުފައްދަމުންނެވެ.

އެގޮތުން، ޔޫއެސްއެއިޑަކީ ކުށްކުރާ އެޖެންސީއެއް ކަމަށާއި އެ އެޖެންސީ ހިންގަމުންދަނީ ހަމަޖެހޭ ބައެއް ނޫން ކަމަށް ޓްރަމްޕުގެ ސަރުކާރުގައި އިސް ރޯލެއް އަދާ ކުރާ އިލޯން މަސްކު ވަނީ ބުނެފައެވެ. އަދި ޔޫއެސްއެއިޑުގެ އެހީތައް އެއްކޮށް ހުއްޓާލަން ޖެހޭ ކަމަށް އެމެރިކާގެ ރައީސް އެއްބަސްވެވަޑައިގެންފި ކަމަށްވެސް މަސްކު ބުނެފައިވެއެެވެ.

ޓްރަމްޕް ވިދާޅުފައި ވަނީ އެ އެޖެންސީން ގައުމުތަކަށް ޚަރަދު ކުރަނީ އެމީހުން ބޭނުންވާ ދީނީ އަދި ނުބައި އެޖެންޑާތައް ހިންގުމަށް ކަމަށެވެ. އެގޮތުން ބޮޑު ހޭދައެއްކޮށްގެން ގައުމުތަކުގެ މީޑިއާތައް ކޮންޓްރޯލް ކުރާ ކަމަށް ވެސް ތުހުމަތު ކުރައްވާފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން