އަހުމަދު ޔާމިން   3 ސެޕްޓެމްބަރު 2020 - 13:47
ޑޮނީ ވެން ޑަ ބީކް - އޭނާ ވަނީ މެންޗެސްޓަރ ޔުނައިޓެޑަށް ސޮއިކޮށްފި
ޑޮނީ ވެން ޑަ ބީކް - އޭނާ ވަނީ މެންޗެސްޓަރ ޔުނައިޓެޑަށް ސޮއިކޮށްފި
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ޓްރާސްފަރ ބާޒާރުގައި ކްލަބްތަކުން ވަރަށް ފޯރީގައި ޙަރަކާތްތެރިވަމުން އެބަ ގެންދެއެވެ.

އެގޮތުން އަޔަކްސް އިން ވިދާލައި ބޮޑެތި ކްލަބްތަކުން ފާރަލަމުން ދިޔަ 23 އަހަރުގެ ޑޮނީ ވެން ޑަ ބީކް މިހާރު ވަނީ މެންޗެސްޓަރ ޔުނައިޓެޑަށް ސޮއިކޮށްފައެވެ. ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޔުނައިޓެޑަށް ބަދަލުވީ 40 މިލިއަން ޕައުންޑަށެވެ. މީގެ ތެރެއިން ފަސް މިލިއަން ޕައުންޑް ދައްކާނީ އެއްބަސްވުމުގައި ހިމެނޭ ފަސް އަހަރަށް ބަހާލައިގެންނެވެ.

2015 ވަނަ އަހަރު އަޔަކްސް އަށް ބަދަލުވުމަށް ފަހު ވެން ޑަ ބީކް ވަނީ ސީނިއާ ޓީމަށް 175 މެޗު ކުޅެދީ 41 ލަނޑު ޖަހައިފަ އެވެ. އަދި، 19-2018 ސީޒަނުގައި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް އަޔަކްސް ކުރި ދަތުރުގައި އަޔަކްސްގެ މެދުތެރޭގައި ވެން ޑަ ބީކް ވަނީ މޮޅު ކުޅުމެއް ދައްކައި މުހިއްމު ލަނޑުތަކެއް ޖަހައިފަ އެވެ. މިދިޔަ ސީޒަނުގައި ވެން ޑަ ބީކް ވަނީ އަޔަކްސް އަށް 10 ލަނޑު ޖަހައިދީ ހަތް ލަނޑު ޖަހަން މަގުފަހިކޮށްދީފަ އެވެ.

ޓްރާންސްފާގެ އެހެން ހަބަރުތަކަށް ބަލާއިރު ރެއާލް މެޑްރިޑްގެ ހަމޭސް ރޮޑްރިގޭޒް ހޯދުމާ ގާތަށް އިނގިރޭސި ކްލަބް އެވަޓަން އިން ޖެހިލާފައިވާކަމަށް ރިޕޯޓުތައް ބުނެ އެވެ. ހަމޭސް އެވަޓަން އަށް ގެނައުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ކުރިން ރެއާލް މެޑްރިޑާއި ބަޔާން މިއުނިކްގައި އޭނާ އަށް އިރުޝާދުދިން އެވަޓަންގެ މިހާރުގެ ކޯޗު ކާލޯ އަންޗެލޮޓީ އެވެ. 20 މިލިއަން ޕައުންޑަށް ހަމޭސްގެ ސޮއި މި ހަފްތާ ނިމުމުގެ ކުރިން އެވަޓަން އިން ހޯދާނެކަމަށް ބެލެވެ އެވެ.



މި ކުޅުންތެރިންގެ އިތުރުން ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ބާސެލޯނާ ދޫކޮށް 32 އަހަރުގެ ރަކިޓިޗް ވަނީ އޭނާގެ ކުރީގެ ކްލަބް ސެވިއްޔާއަށް ބަދަލުވެފައެވެ. ރަކިޓިޗް ވިއްކާލައިގެން ބާސެލޯނާ އަށް 1.5 މިލިއަން ޔޫރޯ ލިބޭއިރު ރަކިޓިޗް ސެވިއްޔާގައި ދައްކާ ކުޅުމަށް ބަލައި އިތުރު ނުވަ މިލިއަން ޔޫރޯ ލިބޭނެ ކަމަށް އެއްބަސްވުމުގައި ވަނީ ބުނެފަ އެވެ.

މިދިޔަ ސީޒަނުގެ ޔޫއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދި ސެވިއްޔާ އަކީ ބާސެލޯނާ އަށް ބަދަލުވުމުގެ ކުރިން ރަކިޓިޗް ކުޅުނު ޓީމެވެ. ޖެނުއަރީ 2011 އިން ފެށިގެން 2014 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް ސެވިއްޔާ އަށް ކުޅުނުއިރު ރަކިޓިޗް ވަނީ ސެވިއްޔާއާ އެކު ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ. އެދުވަސްވަރު ސެވިއްޔާ ސަޕޯޓަރުންގެ އެންމެ ބޮޑު ލޯތްބެއް ހޯދި ކުޅުންތެރިއަކީ ވެސް ރަކިޓިޗެވެ.

ބާސެލޯނާގައި ހޭދަކުރި ހަ އަހަރު ދުވަހު ރަކިޓިޗް ވަނީ މޮޅު ކުޅުމެއް ދައްކައި 13 ތަށި އެ ކްލަބާއެކު ހޯދައިފަ އެވެ. ރަކިޓިޗް ބާސެލޯނާ ދޫކޮށްލަން ނިންމީ ފަހަކަށް އައިސް ބާސެލޯނާގެ ފުރަތަމަ އެގާރައިން އޭނާ އަށް ފުރުސަތު ނުލިބެން ފެށުމުންނެވެ. ކުޅުމުގެ ފުރުސަތު އެކަށީގެންވާރަވަށް ނުލިބޭތީ ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން ރަކިޓިޗް ވަނީ ކުރިން ހާމަކޮށްފަ އެވެ.

މީގެ އިތުރުން ފްރާންސްގެ ލީލް ގައި މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ބްރެޒިލްގެ ޑިފެންޑަރު ގެބްރިއެލް މަގާލޭޝްގެ ސޮއި އާސެނަލުން ވަނީ ހޯދައިފައެވެ.

22 އަހަރުގެ ގެބްރިއެލް އަކީ އާސެނަލުން މި ސީޒަނުގައި ގެނައި ދެ ވަނަ ކުޅުންތެރިޔާ އެވެ. އެޓީމުން ފުރަތަމަ ގެނައީ މިދިޔަ އަހަރުތަކުގައި ޗެލްސީ އަށް ކުޅުނު ބްރެޒިލްގެ ވިލިއަން އެވެ. ވިލިއަން ހިލޭ ޓްރާންސްފާއެއްގައި ގެނައި އިރު ގެބްރިއަލް ގެންނަން އާސެނަލުން ވަނީ 26 މިލިއަން ޔޫރޯ ހަރަދުކޮށްފަ އެވެ. ގެބްރިއެލް އާސެނަލަށް ބަދަލުވީ ދިގު މުއްދަތެއްގެ އެއްބަސްވުމެއްގައި ކަމަށް ކްލަބުން ވަނީ ބުނެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން