ޣައްޒާއިން ފަލަސްތީން ރައްޔިތުން ބޭލުމަށް އެއްވެސް ފަރާތަކުން ކުރާއެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ދުވަހަކުވެސް ތާއީދުނުކުރާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މި ހިނގާ 2025 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޚާއްޞަކޮށް ފަލަސްޠީނުގެ މައްސަލައަށް އަލިއަޅުއްވާލައްވާފައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޣައްޒާއަކީ ފަލަސްޠީނު ރައްޔިތުންގެ މިލްކެއްކަމަށާއި ޣައްޒާއިން ފަލަސްތީން ރައްޔިތުން ބޭލުމަށް އެއްވެސް ފަރާތަކުން ކުރާއެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ދުވަހަކުވެސް ތާއީދު ނުކުރާނެކަމަށެވެ.

ރައީސް ވިދާޅުވީ ޤައުމުތަކުގެ ބިންތައް ހިފައިގަތުމާއި، ފުރާނަޔަށް ގެއްލުންދިނުމާއި، އިންސާނީ ކަރާމާތަށް އަރައިގަތުން ފަދަ ޖަރީމާތައް ދިވެހި ރާއްޖެ އެއްގޮތަކަށްވެސް ބަލައި ނުގަންނާނެކަމަށެވެ. ރައީސް ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ އެޕްލިކޭޝަނަށް ރާއްޖެއިން ތަދައްޚުލުވުމަށް ނިންމައި، ރާއްޖޭން ވާނީ ފާއިތުވި އަހަރު ޑެކްލަރޭޝަން އޮފް އިންޓަރވެންޝަން ހުށަހަޅާފައި ކަމަށެވެ. އަދި، ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކާ، އ.ދ. އާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި ދުނިޔޭގެ އެކި ޤައުމުތަކުން ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅިގެން އިސްރާއިލުން އުފުލަންޖެހޭ ޒިންމާތަކާ ބެހޭގޮތުން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަކަށް އެދި 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 19 ވަނަ ދުވަހު އ.ދ.ގެ އާންމު މަޖިލީހުން ފާސްކުރި ޤަރާރު ދިވެހި ރައްޖެއިން ކޯ ސްޕޮންސަރ ކޮށްފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ސްޓޭންޑަކީ އިރުމަތީ ޖެރޫސަލަމަކީ ފަލަސްޠީނުގެ ވެރިރަށްކަމަށާއި، ފަލަސްޠީނުގެ ވަކި ދައުލަތެއް އުފެއްދުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ވަކި ދައުލަތެއް ޤާއިމްކުރުމަށް ފަލަސްތީން ރައްޔިތުން ދެކެމުން އަންނަ ހުވަފެން ޙަޤީގަތަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދާއި އެހީތެރިކަން ފަލަސްޠީންގެ ރައްޔިތުންނަށް މި ސަރުކާރުން އަބަދުވެސް ދޭނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން