މި ހިނގާ ފެބުރުއަރީ މަހުގެ ތެރޭގައި 4000 ފުލެޓް ލިބޭ މީހުންގެ ލިސްޓް އިއުލާންކޮށް ސެޕްޓެންބަރު މަހުގެ ނިޔަލަށް ހައްގުވެރި ފަރާތްތަކަށް ފުލެޓް ދޫކޮށް ނިންމާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަަދު ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު މި މަސް ނިމުމުގެ ކުރިން އިއުލާންކުރާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ އަމާޒަކީ އެ ފްލެޓްތައް ނިމެމުން އަންނަ ވަރަކުން، މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ހައްގުވެރިންނަށް ފްލެޓްތައް ހަވާލުކުރުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 4،000 ފްލެޓް ނިންމުމާއި އެ ތަންތަން ލިބޭނެ ކަމަށް އިއުލާން ކޮށްފައިވާ 4،000 މީހުންގެ ލިސްޓާ ގުޅިގެން އޭސީސީގެ އެންގުންތަކާ އެކު، އެ ލިސްޓުގެ ސައްހަކަން ބެލުމަކީ ސަރުކާރުން ހައްލު ކުރަން ޖެހިފައިވާ "ވަރަށް ހައްސާސީ މައްސަލައެއް" ކަމަށެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓު ކުރިއަށް އޮތް ރޯދަމަހުގެ ކުރިން އިއުލާން ކުރެވޭނެ ކަމަށް އެމަނިކުފާނު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ ޖަނަވަރީ މަހު ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ދައުލަތުގެ މީޑިޔާ، ޕީއެސްއެމަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް މުޢިއްޒު ވިދާޅުވީ އެެެއްވެސް މީހަކަށް ދީފައިވާ ގޯއްޗެއް ފުލެޓެއް މިސަރުކާރުން އަތުނުލާނެ ކަމަށެވެ. އެހެން ނަމަވެސް ނުގަވާއިދުން މަކަރާއި ދޮގު ހަދައި ފޯޖް ޑޮކިއުމަންޓެއް ހުށަޅައިގެން މީހަކަށް ގޯއްޗެއް ފުލެޓެެއް ލިބިފައިވާނަމަ އެމައްސަލަ ބަލާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި ކަނޑައެޅިފައިވާ އުސޫލާ ހިލާފަށް ފުލެޓެއް ނުވަތަ ގޯއްޗެއް މީހަކަށް ލިބިފައިވާނަމަ ކެންސަލް ކުރެވޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އެކަހަލަ ކަންތައްތަކެއް ހިންގާފައި އޮވެގެން ނޫނީ އޭސީސީން އެބެލިބެލުންތަކުގެ ތެރެއިން ގޯސްކޮށް ކަމެއް ކޮށްފައި އޮތްބަޔަކު ފިޔަވައި އެންމެންނަށް އަޅުގަނޑު ވައުދުވީ ގޮތަށް ދޭން ބޭނުންވަނީ އެހެންވީމާ ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް ބާރު ސްޕީޑްގައި ވައުދުވީ ގޮތަށް އެކަން ކުރަން މަސައްކަތް ފަށާފައި އެ އޮތީ، މައިގަނޑު އަމާޒަކީ އެމީހަކަށް ފުލެޓް ލިބުނުތާކުން، ގޯތި ލިބުނު ތާކުން ވިއްޔާ ދިނުން، އެކަމަކު ގޯސްތަކެއް ހަދާފައި އޮތް ބަޔެއްގެ މައްސަލަތައް ބެލިގެންދާނެ، އަޅުގަނޑު މި އުއްމީދުކުރަނީ ވީހާވެސް އަވަހަކަށް އެ 4000 ފުލެޓްގެ ކަންކަން ނިންމައި އަޅުގަނޑުމެންނަަށް އިއުލާންކުރެވޭނެ ކަމަށް،" ރައީސް އެދުވަހު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން