ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިއްވެވި ރިޔާސީ ބަޔާނުގައިވާ ކަންކަން ފުރިހަމަ ކުރުމަށް މަޖިލީހުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށް މަޖިލީހުގެ ރައީސް އަބުދުއްރަޙީމް އަބުދު ﷲ ވިދާޅުވެއްޖެއެެވެ.

ރިޔާސީ ބަޔާނަކީ ގައުމުގެ ހާލަތު ބަޔާންކޮށްދީ، ހާލަތު ރަނގަޅުކުރަން ކުރަންޖެހޭ ކަމަށް ރައީސަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް އެކުލެވޭ ބަޔާނެކެވެ. ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބުނާ އެ ބަޔާން ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވަނީ މަޖިލީހަށް އިއްވަވައި ދެއްވާފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާން އިއްވައި ނިމުމުން މަޖިލީހުގެ ރައީސް އަބުދުއްރަޙީމް ވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރަށްވާފައެވެ. އަދި މިއީ ރައީސް މުޢިއްޒު މަޖިލިހަށް އިއްވެވި ދެވަނަ ރިޔާސީ ބަޔާން ކަން ފާހަގަކުރައްވަމުން މަޖިލީހުގެ ރައީސް އަބުދުއްރަޙީމް ވަނީ އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައިވާ ކަންކަން ފުރިހަމަ ކުރުމަށް މަޖިލީހުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާ ފައެވެ.

"މަނިކުފާނު މި އިއްޒަތްތެރި މަޖިލީހަށް ތިޔަ އިއްވަވައި ދެއްވި ރިޔާސީ ބަޔާނުގައި ތިޔަ ވިދާޅުވި ކަންތައްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ އެންމެހައި ކަންކަން ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ވާޖިބާއި މަސްއޫލިއްޔަތު ފުރިހަމަ އަށް އަދާކުރާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު މަނިކުފާނަށް އަރުވަން،" މަޖިލިސް ރައީސް އަބުދުއްރަޙީމް ވިދާޅުވިއެވެ.

މީގެ އިތުރުން މަޖިލީހުގެ ރައީސް އަބުދުއްރަޙީމް ވިދާޅުވީ ނިމިދިޔަ އަހަރު ވެސް މަޖިލީހުން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ދައުލަތުގެ ޚަރަދުކުޑަކޮށް ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ކަމާ ގުޅޭ ގާނޫނުތައް އިސްލާހުކޮށް ދައުލަތުގެ ދަރަނި ނެގުމާއި ބެލެހެއްޓުމާއި މެނޭޖްކުރުމާއި ބެހޭ ބިލްތަށް ފާސްކޮށްފައިވާ ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓް ކުރެވޭނެ ދާއިރާތައް ކަނޑައެޅޭނެ އުސޫލުތަކާއި އެފަރާތްތަކަށް ރާއްޖޭގައި އިންވެސްޓް ކުރުމުގެ ހުއްދަ ދޫކުރުމުގެ އުސޫލުތައް އިސްލާހުކޮށް ކަމާއި ގުޅޭ ޤާނޫނުތަކަށް އިސްލާހު ގެނެސްފައިވާނެ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގައި ބޭރު ފައިސާގެ މުއާމަލާތް ތަކާއި ގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި ހިންގުމަށް ބޭނުންވާ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލެވުނު ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ.

"މިއަހަރަށް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފަށައިގަންނައިރު މަޖިލީހުން ކުރަން މުހިންމު މަސައްކަތްތަކެއް އެބަހުރި، ތިޔަ އިއްޒަތްތެރި މަޖިލީހުގެ މެމްބަރުން މަޖިލީހުގެ މަސައްކަތްތަކަށް ތިޔަ ދެއްވާ އަހަމިއްޔަތުކަން އަޅުގަނޑު ފާހަގަކޮށް ހުރިހާ މެމްބަރުންނަށް ޝުކުރު ދަންނަވަން،" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން