ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲއަށް އެ ފެނިވަޑައިގަންނަވަނީ އެމްޑިޕީން ރައްޔިތުންގެ މަޖިލީހުގައި ކުރިން ދެއްކި ވާހަކަތައް އަޑު ނޭއްސެވުމުގެ ނަތީޖާކަމަށް މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާނަށް ފަޑުކިޔުމަށް މިރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ، މަޖިލީހުގައި ރިޔާސީ ބަޔާން އިއްވެވުމަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަޑައިގެންނެވިއިރު މަޖިލީހުގެ ރައީސް އިންނެވިގޮތް ފެނުނު ކަމަށާ އެކަމަށް ޢަބްދުއްރަހީމަށް ހަމްދަރުދީ ވެލައްވާކަމަށެވެ.

"އަޅުގަނޑު ހަމްދަރުދީވޭ އެމަނިކުފާނުގެ ހާލުކޮޅާމެދު. އުޅެވޭކަށްވެސް ނެތް. ނޫޅެ ވާކަށްވެސް ނެތް. އެހެންނަމަވެސް، އެމަނިކުފާނުވެސް މިއަދު ހަނދުމަކުރަންޖެހޭ މީގެ މަދު ހަފްތާކޮޅެއްކުރިން، އަޅުގަނޑުމެން އެ ތަޅުމުގައި ފާޑެއްގެ ރީނދޫކުލައިގެ ބެނާއެއް ހިފައިގެން އަޅުގަނޑުމެން ކުރި އާދޭސް އަޑު ނޭހުމުގެ ނަތީޖާ މިއަދަކީ. ހުރިހާ އެއްޗެއް ގެއްލެނީ. އެމަނިކުފާނަށް ގޮނޑި ދޫކޮށްލެވޭކަށްވެސްނެތް، ކުރިއަށް ދެވޭކަށްވެސް ނެތް ފަހަތަށް ދެވޭކަށްވެސް ނެތް އެ އިން ގޮޅީގައި ތާށިވެ އެމަނިކުފާނު އެ ނިމިދަނީ" ޢަބްދުއްރަހީމަށް ނިސްބަތްކޮށް މީކާއީލް ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވީ މިއަދު ފެނިގެން މިދަނީ އެ ދުވަހު އެމްޑީޕީން މަޖިލީހުގައި ދެއްކި ވާހަކަ އަޑު ނޭހުމުގެ ނަތީޖާކަމަށެވެ.

އޭނާ މިހެން ވިދާޅުވެފައި މިވަނީ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމާއި ސަރުކާރުގެ އިސް ފަރާތްތަކާ އޮތް ގުޅުން ހީނަރުވެފައިވާކަމަށް އަޑުތައް ފެތުރިފައިވަނިކޮށެވެ. ހާއްސަކޮށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ޖަލްސާ މެދުކަނޑާލަން މަޖިލީހުގެ ނާއިބު ރައީސް އަޙްމަދު ނާޒިމާއި ޕީޖީ ގުރޫޕް ލީޑަރު އިބްރާހީމް ފަލާޙް އިރުޝާދު ދެއްވި ގޮތަށް މަޖިލީހުގެ ރައީސް ކަންކުރައްވަން ޖެހިވަޑައިގެންނެވިކަން ހާމަވާ ވީޑިއޯއެއް ވެސް ދައުރުވަމުން ދާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން