އަންނަ ރަމަޟާން މަހުގައި ބާޒާރުގެ އަގުތައް ބޮޑުނުވާނެ ގޮތަށް އަގުތައް ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އަޅުއްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް އިއްޔެ އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކުގެ އެންމެ މުހިންމު އެއް އަމާޒަކީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް، ދިރިއުޅުމުގެ ޚަރަދުތައް އިތުރުވިޔަނުދީ ހިފެހެއްޓުން ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ބާޒާރުގެ އަގުތައް، އެވްރެޖްކޮށް އެއް މިންވަރެއްގައި ހިފެހެއްޓުމަށް، މިދިޔަ އަހަރު މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން ވަކިން ޚާއްޞަކޮށް، ރާއްޖޭގައި ފުރަތަމަ ފަހަރަށް، ރަމަޟާން މަހުގައި ކޮންމެހެން ބޭނުންވާ ތަކެތީގެ އަގުތައް ބޮޑުވިޔަނުދީ ހިފަހައްޓާ، ރައްޔިތުން ބޭނުންވާ މުދާ މެދުކެނޑުމެއްނެތި ލިބެން ހުންނާނެކަން މިދިޔަ 1445 ވަނަ އަހަރުގެ ރަމަޟާން މަހު ސަރުކާރުން ކަށަވަރުކޮށްދީފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އަދި ކުރިއަށް އޮތް ރަމަޟާން މަހުގައިވެސް، ބާޒާރުގެ އަގުތައް ބޮޑުނުވާނެ ގޮތަށް އަގުތައް ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް މިހާރު މިގެންދަނީ އަޅަމުން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ، މިދިޔަ އަހަރު ރާއްޖޭގެ އިންފްލޭޝަން، ނުވަތަ ތަކެތީގެ އަގުތައް އެވްރެޖްކޮށް އިތުރުވެފައި ވަނީ 0.8 އިންސައްތައިން ކަމަށެވެ. އަދި މިއީ 2023 ވަނަ އަހަރު އިންފްލޭޝަން ހުރި މިންވަރަށް ވުރެ 2.9 އިންސައްތައަށްވުރެ ދަށް އަދަދެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ދުނިޔޭގެ ބާޒާރުގެ އަގުތަކާއި، ރާއްޖޭގެ އިޤްތިޞާދީ ހާލަތު ބަދަލުވަމުންދާ ގޮތަށް ބަލައި، މި އަހަރުވެސް ރާއްޖޭގެ އިންފްލޭޝަން އިތުރުވިޔަ ނުދީ ހިފެހެއްޓޭނެ ކަމަށެވެ. އެކަމުގެ ސަބަބުން ރައްޔިތުންގެ ޚަރަދުބަރަދަށް ލުއިކަން ލިބި، އާންމު ތިޔާގިކަމަށް މަގުފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން