ލޯކަލް ކައުންސިލްތަކުންނާއި އަންހެނުންގެ ކޮމިޓީތަކުން ހުސްވެފައިވާ ގޮނޑިތަކަކަށް މެންބަރުން އިންތިޚާބުކުރުމަށް މިއަދު ބޭއްވި 13 ބައި-އިލެކްޝަންގެ ތެރެއިން ވެރިކަންކުރާ މައިޕާޓީ ޕީއެންސީން 9 ބައި-އިލެކްޝަން ކާމިޔާބުކޮށްފިއެވެ.

މިއަދު ބާއްވާފައިވަނީ ދެ ރަށެއްގެ ކައުންސިލް ގޮނޑިއާއި 10 ރަށެއްގެ އަންހެނުންގެ ކޮމިޓީގެ 11 ގޮނޑިއެއްގެ ބައި-އިލެކްޝަނެވެ. އެއީ ރ. އަތޮޅު އިންނަމާދޫ އަންހެނުންގެ ކޮމިޓީގެ ދެ ގޮނޑި ހިމެނޭ ގޮތަށެވެ. އޭގެ ތެރެއިން ނުވަ ގޮނޑި ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީން ކާމިޔާބުކުރި އިރު އިދިކޮޅު އެމްޑީޕީން ވަނީ ތިން ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި އަމިއްލަ ގޮތުން ކުރިމަތިލި ބޭފުޅަކުވެސް ގޮނޑިއެއް ކާމިޔާބު ކުރެއްވިއެވެ.

ޕީއެންސީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ބޭއްވި ބައި އިލެކްޝަންތަކުން އެ ޕާޓީން 8 ރަށެއްގެ، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑި އާއި އެއް ކައުންސިލް ގޮނޑި ކާމިޔާބުކޮށްފައިވާ ކަމަށެވެ. މި އިންތިހާބުތަކުގެ ނަތީޖާއިން ދައްކުވައިދެނީ ރައްޔިތުންގެ ތާއީދު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އޮތް މިންވަރު ކަމަށް ޝުޖާއު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު ބޭއްވި އިންތިހާބުތަކުގައި ވޯޓުލުމުގެ ސުންގަނޑި ހަމަވިއިރު ވޯޓުލާފައިވަނީ ޖުމްލަ 6،275 މީހުން ކަމަށެވެ. އެއީ ވޯޓުލާންޖެހޭ މީހުންގެ 55.4 އިންސައްތައެވެ. ވޯޓު ނުލައި 5،050 މީހުން ތިބިއިރު، އެއީ 44.59 އިންސައްތަ ކަމަށް ކޮމިޝަނުން ބުނެއެެވެ.

އިލެކްޝަން ކޮމިޝަނުން މައުލޫމާތު ދިންގޮތުގައި މި އިންތިހާބުގައި ވޯޓުލާފައިވަނީ ގިނައިން އަންހެނުންނެވެ. އެގޮތުން ވޯޓުލީ އަންހެނުންގެ އަދަދު 3،292 އަރާއިރު ވޯޓުލީ ފިރިހެނުންގެ އަދަދަކީ 2،983 ކަމުގައި ކޮމިޝަނުން މައުލޫމާތުދެއެވެ. މި ބައި އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 11،325 އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން