ޤާނޫނަށް އިސްލާޙު ހުށައެޅުއްވި މައްޗަންގޮޅި މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު ޒަމީރު
ޤާނޫނަށް އިސްލާޙު ހުށައެޅުއްވި މައްޗަންގޮޅި މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު ޒަމީރު
އަންހެނުންގެ ކޮމިޓީތަކަށް ރޯދަ އިނާޔަތް ދިނުމަށް ސަރުކާރުގެ ފަރާތުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކަށް ރޯދަމަހުގެ އިނާޔަތް ދޭން ސަރުކާރުގެ ފަރާތުން މިއަދު ގާނޫނަށް އިސްލާހު ހުށައެޅުއްވީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރެވެ.

ޒަމީރު ހުށައެޅުއްވި އިސްލާހުގައި އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ނެޝަނަލް ޕޭ ކޮމިޝަންގައި ހިމަނައިގެން މުސާރަ ދިނުމަށާއި ރޯދަމަހުގެ އެލަވަންސް ލިބެން ވާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އޭގެ އިތުރުން އަންހެނުންގެ ކޮމިޓީތައް މާލީގޮތުން ބާރުވެރި ކުރުވުމަށް މުހިއްމު އިސްލާޙުތަކެއް އެ ޤާނޫނަށް ވަނީ ހުށައަޅާފައެވެ.

އެގޮތުން ކައުންސިލްތަކަށް ސަރުކާރުން ދޭ ހިލޭ އެހީގެ 5 އިންސައްތަ ޚާއްސަކުރަންޖެހޭނީ އަންހެނުންގެ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށެވެ. އެގޮތުން، މި އިސްލާހާއެކު އެ ފައިސާގެ ތެރެއިން ފުރަތަމަ ދެ ކުއާޓަރުގައި ހިންގަން ރާވާފައިވާ ކަންކަމަށް ބޭނުންވާ ފައިސާ، ކައުންސިލަށް ފައިސާ ލިބޭތާ 30 ދުވަހުގެ ތެރޭގައި ކޮމިޓީއާ ހަވާލުކުރަންޖެހޭއިރު، ބާކީ ފައިސާ ހަވާލުކުރަންޖެހޭނީ އެލްޖީއޭއިން ހަދާ ގަވާއިދެއްގެ ތެރެއިންކަމަށް އިޞްލާހުގައިވެއެވެ.

އަންހެނުންގެ ކޮމިޓީތަކަށް ރޯދަ އިނާޔަތް ދިނުމަށް ސަރުކާރުން ޤާނޫނަށް އިސްލާހު ހުށައަޅާފައިވާއިރު މުސާރަ އާއި ލިވިން އެލަވަންސްގެ ގޮތުގައި ސިޓީ ކައުންސިލްތަކުގެ ޑަބްލިއުޑީސީގެ ރައީސަށް 7،000 ރުފިޔާ އަދި ނައިބު ރައީސަށް 6،500 ރުފިޔާ މިހާރު ލިބެއެވެ. ހަމައެއާއެކު މެމްބަރަކަށް ކަނޑައަޅާފައި ވަނީ 6،000 ރުފިޔާއެވެ.

އޭގެއިތުރުން ރަށު ކައުންސިލްތަކުގެ ރައީސަށް 6،000 ރުފިޔާ އަދި ނައިބު ރައީސަކަށް 5،500 ރުފިޔާ ލިބޭއިރު މެމްބަރަކަށް ލިބެނީ 5،000 ރުފިޔާއެވެ.

ކުރިއަށް އޮތް ރޯދަމަހުން ފެށިގެން އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި ގާނޫނުން ކަނޑައަޅާފައި އޮންނަނީ ކޮންމެ މުސްލިމް މުވައްޒަފަކަށް 3،000 ރުފިޔާއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން