ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް
ރާއްޖޭން ބައިނަލްއަޤުވާމީ ތިން ޖަމުޢިއްޔާއަކަށް ދާއިމީ މަންދޫބުން ކަނޑައެޅުމުގެ މައްސަލަ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީ އަށް ފޮނުވައިފިއެވެ.

އެގޮތުން ދިވެހިރާއްޖޭން އައިއެމްއޯއަށް ކަނޑައަޅާ ދާއިމީ މަންދޫބެއްގެ ގޮތުގައި ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ އިނގިރޭސިވިލާތަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ޑރ. އިރުތިޝާމް އާދަމްގެ ނަންފުޅެވެ.

ހަމައެއާއެކު އައިރީނާއަށް ކަނޑައަޅާ ދާއިމީ މަންދޫބަކަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ އެކުވެރި ޢަރަބި އިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ހުސައިން ޝަރީފު ނަންފުޅެވެ.

އަދި ޑަބްލިއުޓީއޯއަށް ކަނޑައަޅާ މަންދޫބަކަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުގެ ނަންފުޅެވެ.

މި ތިން ބޭފުޅުންނަށް ރުހުން ހޯއްދެވުމަށް ރައީސް މަޖިލީހަށް ހުށައަޅުއްވާފައިވާއިރު ފޮރިން ސަރވިސް ޤާނޫނުގައި ވަނީ ބޭރުގެ ޤައުމުތަކަށް ކަނޑައަޅާ ސަފީރުންނާއި ބައިނަލްއަގުވާމީ ޖަމްޢިއްޔާތަކަށް ކަނޑައަޅާ މަންދޫބުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަށްވަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށްފަހު މަޖިލީހުން ރުހުން ލިބިވަޑައިގަތުމުން ކަމަށެވެ.

އައިއެމްއޯއަކީ ކަނޑު ދަތުރުފަތުރާބެހޭ އދ.ގެ ޖަމުޢިއްޔާއެކެވެ. މި ޖަމުޢިއްޔާގައި ދުނިޔޭގެ 176 ޤައުމެއް ވަނީ ބައިވެރިވެފައެވެ. އަދި 169 ޤައުމެއްގެ މައްޗަށް އެކުލެވިގެންވާ އައިރީނާއަކީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމަށް އުފައްދާފައިވާ ޖަމުޢިއްޔާއެކެވެ. އޭގެއިތުރުން ޑަބްލިއުޓީއޯއަކީ ޤައުމުތަކުގެ މެދުގައި ހިނގާ ވިޔަފާރީގެ ކަންކަމާ ގުޅޭގޮތުން އުފައްދާފައިވާ 166 ޤައުމު ބައިވެރިވެފައިވާ ބައިނަލްއަގުވާމީ ޖަމުޢިއްޔާއެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން