2010 ގެ ހިތްވަރުދިނުމުގެ އިނާމު ހަފްލާގައި ރައީސް ނަޝީދު އާއި މެޒޯ މުހައްމަދު
2010 ގެ ހިތްވަރުދިނުމުގެ އިނާމު ހަފްލާގައި ރައީސް ނަޝީދު އާއި މެޒޯ މުހައްމަދު
މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މުހައްމަދު) އަކީ ޑިމޮކްރެސީއަށް ރާއްޖެ ކުރި ދަތުރުގެ ބޮޑު ހިއްސާދާރެއް ކަމަށް އެމްޑީޕީއިން ބުނެފިއެވެ.

ދިވެހި މުނިފޫހިފިލުވުމުގެ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ މެޒޯ މުހައްމަދު މިއަދު ކުއްލި ގޮތަކަށް ނިޔާވެފައިވާއިރު، މިކަމުގެ ހިތާމާގައި ރާއްޖޭގެ އެތައް ބަޔަކު ދަނީ ބައިވެރި ވަމުންނެވެ.



މިއުޒިކް އިންޑަސްޓްރީއަށް ކުރި ހިދުމަތްތަކުގެ އިތުރުން މެޒޯ މުހައްމަދު ވަނީ ސިޔާސީ ދާއިރާގައިވެސް ހިދުމަތްކޮށްފައެވެ.

މި ހިތާމަވެރި ހަބަރު ލިބުމުން ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެޒޯ މުހައްމަދަކީ އެމަނިކުފާނުގެ އެންމެ ގާތް ރަހްމަތްތެރިންގެ ތެރެއިން އެކަކު ކަމަށާއި، މުހައްމަދަކީ އެމަނިކުފާނުގެ އާންމު މަސައްކަތްތަކުގެ ބޮޑު ބައިވެރިއެއް ކަމަށެވެ.

އަދި މެޒޯ މުހައްމަދަކީ ރާއްޖެ ޑިމޮކްރެސީއަށް ކުރި ދަތުރުގެ ބޮޑު ހިއްސާދާރެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.



މީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް ވަނީ މެޒޯ މުހައްމަދު ނިޔާވުމުން އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

"ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ހުނަރުވެރި މިއުޒިޝަން މެޒޯ މުހައްމަދު ނިޔާވުމުގެ ހިތާމައިގައި ބައިވެރިވެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުއާކުރަން. މެޒޯއަކީ ރާއްޖޭގެ އިސްލާހީ ހަރަކާތުގައި އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި މުހިންމު ބައިވެރިއެއް" ފައްޔާޒުގެ ޕޯސްޓުގައި ވެއެވެ.



އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދުވެސް ވަނީ އެކްސްގައި ތައުޒިޔާގެ މެސެޖެއްް ހިއްސާ ކުރައްވާފައެވެ.

އެގޮތުން ޝާހިދުވެސް ވަނީ މިއުޒިކް އިންޑަސްޓްރީއަށް މެޒޯ މުހައްމަދު ކުރި ހިދުމަތްތަކުގެ އިތުރުން ޑިމޮކްރެސީ ގާއިމް ކުރުމުގައި މެޒޯ ކުރި މަސައްކަތްތައް ފާހަގަ ކުރައްވާފައެވެ.

ޝާހިދު ވިދާޅުވީ މިއަދު ވަކިވެގެން ގޮސްފައި މިވަނީ މިގައުމަށް ވަރަށް އަގުހުރި ފަރާތެއް ކަމަށެވެ.



މެޒޯއަކީ ކުޅަދާނަ ލަވަކިޔިންތެރިއަކަށް ވީއިރު، އޭނާ ވަނީ ވަރަށް ގިނަ އަމިއްލަ ރާގުތައްވެސް އުފައްދާފައެވެ. އަދި އޭނާ ވަނީ އޭނާގެ ހުނަރުވެރިކަމުން ގިނަ ބައެއްގެ މަގުބޫލުކަންވެސް ހޯދާފައެވެ.

މެޒޯ މުހައްމަދުގެ އެންމެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "އުޑުން ތަރިތައް"، "އެޅި މި ކަނޑުމަތި" އަދި "ޖިސްމު ނެތިގެން ގޮސް ހަފުސް" ފަދަ ލަވަތައް ހިމެނެއެވެ. މިއުޒިކްގެ ދާއިރާއަށް މެޒޯ މުހައްމަދު ކުރި ހިދުމަތްތަކުގެ އަގު ވަޒަންކޮށް 2010 ގައި ސަރުކާރުން ވަނީ މިއުޒިކުގެ ދާއިރާއިން ހިތްވަރުދިނުމުގެ ގައުމީ އިނާމު ވެސް އޭނާއަށް ދީފައެވެ.

މެޒޯ މުހައްމަދު ނިޔާވެފައިވަނީ މިއަދު ހާޓް އެޓޭކެއް ޖެހިގެން އައިޖީއެމްއެޗް ގައި ފަރުވާ ދެމުން ދަނިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން