އިލެކްޝަންސް ކޮމިޝަންގެ ބައެއް މެންބަރުން
އިލެކްޝަންސް ކޮމިޝަންގެ ބައެއް މެންބަރުން
އީފާސް ބޭނުންކޮށްގެން ނޫނީ ސިޔާސީ ޕާޓީތަކަށް މީހުން ނުވެއްދޭ ގޮތަށް ގަވާއިދު ބަދަލުކޮށްފިއެވެ.

އީސީން މިއަދު ގެޒެޓުކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައިވަނީ މީގެ ފަހުން އަލަށް ޕާޓީއެއް އުފައްދަން ހުށަހަޅާ 3،000 މީހުންގެ ފޯމާއި މިހާރު ހުރި ޕާޓީތަކަށް މެންބަރުން އިތުރުކުރަން ފޯމު ހުށަހެޅޭނީ ‘ސިމެދަ’ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

ހަމައެއާއެކު ސިމެދަ ޕޯޓަލްގެ ތެރެއިން ޕާޓީއަކަށް މީހަކު ވެއްދުމުން އެ މީހާ ޕާޓީގެ ދަފުތަރުގައި ހިމެނުމުގެ ކުރިން ޝަކުވާއެއް އޮތްތޯ ބެލުމަށް އީސީން އިއުލާނު ކުރުމަށްވެސް އަލަށް ގެނައި އިސްލާޙުގައި ހިމަނާފައިވެއެވެ. އަދި އޮންލައިންކޮށް ހުށަހަޅާ ފޯމުތައް 10 އަހަރު ވަންދެން ޕާޓީތަކުން ބެލެހެއްޓުމަށްވެސް މިހާރުވަނީ މަޖުބޫރުކޮށްފަ އެވެ.

އީސީން މިހެން ބުނެފައިވާއިރު މިއަހަރުގެ ޖެނުވަރީ 30 ވަނަ ދުވަހުން ފެށިގެން ސިޔާސީ ޕާޓީތަކަށް ވަނުމަށް އެދި ހުށައަޅާ ކަރުދާސް ފޯމު ބަލައިގަތުން އީސީން ވަނީ ހުއްޓާލައިފަ އެވެ. އަދި ވެރިކަން ކުރާ ޕާޓީ، ޕީއެންސީން އީސީއަށް ގިނަ އަދަދެއްގެ ސައްޙަނޫން ފޯމް ހުށަހެޅި މައްސަލަ ފެންމަތިވެ، އެ ކޮމިޝަނުން އެ މައްސަލަ ދަނީ ބަލަމުންނެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ އީ-ފާސް މެދުވެރިކޮށް ޕާޓީތަކުގެ މެންބަރު ކަމަށް ރަޖިސްޓްރީވެވޭ ގޮތަށް ހެދުމުން މީހާއަށް ނޭނގި ޕާޓީތަކަށް ވައްދާ މައްސަލަ ހައްލުވާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޕާޓީތަކުގެ ދަފުތަރުގެ ސައްހަކަން ވެސް އިތުރަށް ކަށަވަރު ކުރެވޭނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން