ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ސިނާން
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ސިނާން
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި، ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އަމިއްލަ ފަރާތަކުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މި މައްސަލާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހުކުމާ އެއްގޮތަށް ސާބިތު ދަރަންޏެއް ނުދައްކާނަމަ އެމެންބަރަކު މެންބަރުކަމުން ވަކިވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި މެންބަރު ސިނާން އެހެން ބަޔަކާ ބައިވެރިވެގެން ނަގާފައިވާ ލޯނެއް ނުދައްކައިގެން އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ އޭނާގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް މައްސަލާގައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މެންބަރު ސިނާން އާއި ސ. ހިތަދޫ، ވާދޫގެ، އަހުމަދު ވަހީދާއި އެ ރަށު، ވިހަލަގޮޑިމާގެ، މުހައްމަދު ސަލީމްގެ މައްޗަށް ސާބިތުވެފައިވަނީ، މޯލްޑިވްސް އިސްލާމިކް ބޭންކަށް ދައްކަން ޖެހޭ 3.8 މިލިއަން ރުފިޔާ ދަރަންޏެކެވެ. އަދި އެ ފައިސާ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ދައްކާ ޚަލާސް ކުރުމަށް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.

ނަމަވެސް ޙުކުމާ އެއްގޮތަށް އެފަރާތްތަކުން ފައިސާ ނުދައްކާ ކަމަށްބުނެ މޯލްޑިވްސް އިސްލާމިކް ބޭންކުން އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް 2024 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު ވަނީ މައްސަލަ ހުށައަޅާފައެވެ.

މި މައްސަލާގައި 14 އޮކްޓޯބަރު 2024 ގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމް ކޮށްފައިވަނީ އެފަރާތްތަކުގެ މައްޗަށް ސާބިތުވެފައިވާ ދަރަނީގެ ތެރެއިން ނުދައްކާ ބާކީހުރި ދެ މިލިއަން ފަސްލައްކަ ވިހިހާސް ދުއިސައްތަ ބާވީސް ރުފިޔާ ނުވަދިހަ އަށްލާރި ޙުކުމް ކުރި ދުވަހުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިސްލާމިކް ބޭންކަށް ދެއްކުމަށެވެ.

އަދި ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައިފިނަމަ، އެ ފެސިލިޓީއާ ގުޅިގެން ރަހުނުކޮށްފައިވާ ސިނާނުގެ 'ރޯދި' ދޯންޏާއި ސަލީމްގެ 'ޕްރެޝަސް' ގޯއްޗާއި އެ ގޯތީގައިވާ އިމާރާތްތަކާ ގުޅޭ ރަހުނު އެއްބަސްވުންތަކުގައިވާ ކަންކަން ތަންފީޒުކޮށް އެ ފެސިލިޓީއަށް ދައްކަން ޖެހޭ ހުރިހާ ފައިސާ ހޯދުމުގެ ބާރު އެމްއައިބީއަށް ލިބޭނެ ކަމަށްވެސް ހިތަދޫ ކޯޓުގެ ހުކުމުގައިވެއެވެ.

އެހެން ނަމަވެސް، ހުކުމުގައި ބުނެފައިވާ ގޮތަށް އެފަރާތްތަކުން އިސްލާމިކް ބޭންކަށް މި ފައިސާ ދައްކާފައި ނުވާ ކަމަށް ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލާގައި ވަނީ ބުނެފައެވެ.

މި މައްސަލަ ބަލައިގަތުމާމެދު ސުޕްރީމް ކޯޓުން މިހާތަނަށް ވަކިގޮތެއް ކަނޑައަޅާފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން