ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީން އެ ޕާޓީގެ ދަފްތަރު ބެލެހެއްޓުން މިހާރަށްވުރެ ހަރުދަނާކުރުމަށް އެ ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާޓީގެ ލީޑަރޝީޕަށް އަންގަވައިފިއެވެ.

ރައީސް މިގޮތަށް އެންގެވީ އެ ޕާޓީގެ ދަފްތަރާމެދު ބޮޑެތި ސުވާލުތަކެއް އުފައްދައި މިފަހުން އިލެޝަންސް ކޮމިޝަނަށް ގިނަ މައްސަލަތަކެއް ވެސް ހުށަހަޅާފައި ވަނިކޮށެވެ.

ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޕާޓީން ކުރިއަށް ގެންދިޔަ މެންބަރޝިޕް ޑްރައިވްއަށްފަހު ޕާޓީގެ ދަފްތަރާމެދު ބައެއް ޝަކުވާތައް އާންމުންގެ މެދުގައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ލިބުނު ޝަކުވާތައް ޕާޓީގެ ފަރާތުން ބަލަމުންދާކަމަށް ވަނީ ބުނެފައެވެ.

ބަޔާނުގައި ބުނީ، ޕާޓީގެ ދަފްތަރުގެ ސައްހަކަން ކަށަވަރު ކުރުމާއެކު، ދަފްތަރު ބެލެހެއްޓުމުގެ ކަންކަން ޕާޓީގެ އިދާރީ އޮނިގަނޑުގެ ތެރެއިން ވެސް އިތުރަށް ހަރުދަނާ ކުރުމަށް ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަންގަވާފައި ކަމަށެވެ.

އެހެންކަމުން އީސީން އާންމުކޮށްފައިވާ ދަފްތަރުގައި އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހިމެނިފައި އޮތުން ނުވަތަ ނެތުމާމެދު ވެސް ޝަކުވާއެއް އޮތްނަމަ ހުށަހެޅުމުން އެކަމަކަށް ފިޔަވަޅު އަޅަމުންދާނެކަމަށް ވެސް ވަނީ ބަޔާނުގައި ވަނީ ބުނެފައެވެ.

ރައީސް މިފަދަ އެންގެވުމެއް އަންގަވާފައި މިވަނީ، ޕީއެންސީއަށް ފޯމު ފުރުމުގެ މަސައްކަތް ޑީއެންއާރުގެ އޮފީސްތެރޭ ކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް އާންމުވެ އަދި އެކަމަށް އެތަނުގެ އިސްވެރިން އެއްބަސްވެސް ވެފައި ވަނިކޮށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ވެސް އޭނާއަށް ނޭނގި ޕީއެންސީއަށް ވައްދާފައިވާކަން ހާމަވެފައިވަނިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން