އެމްޑީޕީގެ ރައީސް
އެމްޑީޕީގެ ރައީސް
ކުރިންވެސް އޮންނާނީ މިފަދަ ހުދުމުހުތާރު ސަރުކާރުތައް ބަލިކޮށްފައި ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިއަދު ޅ. ނައިފަރު ހަރުގޭގައި ކުރިއަށްދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތީ އަދަދު ނުކުރެވޭ ވަރަށް ޕީއެންސީގެ ކޮންޓްރޯލު ކަމަށެވެ.

އަދި މިހެން މިކަން އޮއްވައި ޕާޓީ ބަދަލުކުރާ މެންބަރުންގެ ގޮނޑި ގެއްލޭހެން ގާނޫނުއަސާސީއަށް އެންމެ ފަހުން ގެނައި ބަދަލުގެ ސަބަބުން މި ކޮންޓްރޯލު މިހާރު އޮތީ މުލިއާގޭގައި ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އެންމެ މެމްބަރެއް މިހާރު ރައްޔިތުންގެ މަޖިލީހުގައި އިންނެވީ، އެއީ ރައީސް. އެމަނިކުފާނު ވިދާޅުވި ގޮތަކަށް، ވިދާޅުވި ވޯޓެއް ލާން ތިބި ބައެއް މިހާރު މަޖިލީހުގަ ތިބީ. މިވަރަށް ރައްޔިތުން ނިކަމެތިކޮށްލެވޭނީ. މިވަރަށް ރައްޔިތުން ބިކަ ކޮށްލެވޭނީ. މިވަރަށް ރައްޔިތުންގެ އަތުން ބާރު ނިގުޅައިގަނެވޭނީ" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ އެމްޑީޕީ އަކަށް ނުވާނެއޭ ބުނެ، ސަރުކާރުގެ ފަރާތުން ބިރު ދައްކަވަމުން ދިޔަނަމަވެސް އެފަރާތްތަކަށް ނޭނގޭ ކަމަކީ އެމްޑީޕީގެ ފަހުލަވާނުންގެ ހިތްވަރު ކަމަށެވެ.

އަދި ކުރިންވެސް މިފަދަ ހުދުމުހުތާރު ސަރުކާރުތައް ބަލިކޮށްފައިވާ ކަމަށާއި، އަދި މި ސަރުކާރުވެސް ބަލިކޮށްލާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އަދި އެންމެން ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބަށް ނިކުމެއްޖެނަމަ އެ އިންތިހާބު ކާމިޔާބު ކުރެވިދާނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން