އަވައްޓެރި އިންޑިޔާގެ ރޭލު ސްޓޭޝަނެއްގައި ފިތި ބާރުވެގެން ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން 15 މީހުން މަރުވެއްޖެއެވެ.

އިންޑިއާގެ ވެރިރަށް، ނިއުދިއްލީގެ ރޭލު ސްޓޭޝަނެއްގައި ހިނގި މި ހާދިސާގައި މަރުވި 15 މީހުންގެ ތެރޭގައި ދިހަ އަންހެނަކާއި ތިން ކުޑަކުދިން ހިމެނެ އެވެ.

މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ގާތްގަނޑަކަށް 8 ޖެހިއިރު ނިއުދިއްލީ ރޭލްވޭ ސްޓޭޝަންގައެވެ. ރިޕޯޓްތައް ލިބޭ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ހިންދޫންގެ ދީނީ އަޅުކަމަކަށް ދާންވެގެން ގިނަ ބަޔަކު ރޭލަށް އެރުމުގެ ތެރޭގައި ފިތި ބާރުވެގެންނެވެ.

މި މީހުން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ޕްރަޔާގްރާޖް ސިޓީއަށް ކަމަށް މައުލޫމާތު ލިބެއެވެ.

ދިއްލީގެ ޗީފް މިނިސްޓަރު އަތީޝީ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ މި ހާދިސާގައި 15 މީހަކު މަރުވެފައިވާ ކަމަށެވެ. ނަމަވެސް ލޯކަލް ނިއުސް އައުޓްލެޓް އެންޑީޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި މަރުވި މީހުންގެ އަދަދަކީ 18 ކަމަށެވެ.

އިންޑިއާގެ މިނިސްޓަރ އޮފް ރޭލްވޭސް އަޝްވިނީ ވައިޝްނާވް ވިދާޅުވީ ރޭލު ސްޓޭޝަނުގައި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭތީ ހަތަރު ރޭލެއް ހަމަޖެއްސި ނަމަވެސް ގޯސްވީ ކޮން ކަމެއްތޯ ބެލުމަށް ތަހުގީގު ކުރަން އަންގާފައިވާ ކަމަށެވެ.

ލޯކަލް ނިއުސް އޯގަނައިޒޭޝަންތަކުން މީސް މީޑިއާގައި ހިއްސާކުރި ވީޑިއޯ ފޫޓޭޖުން ފެންނަ ގޮތުގައި ރޭލަށް ގަދަކަމުން އަރަން އުޅެނިކޮށް މީހުން ފިތި ބާރުވެގެން ހަޅޭއްލަވާ މަންޒަރު ފެނެ އެވެ.

މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރޭލުތައް އަންނަ ވަރަކަށް މީހުންތައް އެންމެ ކުރިން އަންނަ ރޭލަށް އަރަން ވެގެން އުޅުނު ކަމަށެވެ. އެހެންވެ އެއްފަހަރަކާ އެންމެން އެއް ރޭލަށް އަރަން އުޅުމުން ފިތި ބާރުވެގެން މީހުން މަރުވީ ކަމަށް ބުނެފައި ވެއެވެ.

އިންޑިއާގެ ދީނީ ބޮޑެތި އީދުތަކުގައި މީހުން ފިތި ބާރުވެގެން މިފަދަ ހިތާމަވެރި ހާދިސާތައް ގަވާއިދުން ހިނގަ އެވެ.

ދުނިޔޭގެ ހަތަރު ވަނައަށް އެންމެ ބޮޑު ރޭލު ނެޓްވޯކް ކަމަށްވާ އިންޑިއާގެ ރޭލު ނިޒާމުގައި ވެސް މިދިޔަ ދެ އަހަރު ތެރޭގައި ބޮޑެތި އެކްސިޑެންޓްތަކެއް ވަނީ ހިނގާފައެވެ. އޭގެ ތެރޭގައި 2023 ވަނަ އަހަރު ހިނގި އެކްސިޑެންޓެއްގައި މަދުވެގެން 288 މީހުން މަރުވެފައިވެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން