ފަލާހު
ފަލާހު
މިދިޔަ ވެރިކަމުގައި ހިންގި ކޮރަޕްޝަންގެ މައްސަލަތައް އޭސީސީން ރަނގަޅަށް ބަލަން ޖެހޭކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަލާހު ވިދާޅުވީ މިހާތަނަށް އެންމެ ގިނަ ކޮރަޕްޝަންގެ ކަންކަން ހިންގީ ނިމިގެން ދިޔަ ސަރުކާރުގައި ކަމަށެވެ.

އެގޮތުން ކޮވިޑުގެ ވަބާގެ ތެރޭގައިވެސް އެމްޑީޕީ ސަރުކާރުން ވައްކަންތައް ކުރިގޮތް ދިވެހި ރައްޔިތުންނަށް ސާފުވާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.

ކޮވިޑްގެ ތެރޭގައި ވެންޓިލޭޓަރުތަކެއް ގަންނަން 33 މިލިއަން ރުފިޔާ ސަރުކާރުން ދުބާއީގެ ކުންފުންޏަކަށް ދިން ނަމަވެސް މިހާތަނަށް ވެސް އެ ފައިސާ ނުލިބޭއިރު އެއީ ރޯމާ ދުވާލު އެމްޑީޕީން ކުރި ވައްކަމެއް ކަމަށް ފަލާހު ވިދާޅުވި އެވެ.

އެހެންކަމުން އެމްޑީޕީގެ ސަރުކާރުގެ ތެރޭގައި ނުހިނގާ ވައްކަމެއް މަދުވާނެކަމަށް ފަލާހު ވިދާޅުވި އެވެ.

"އެހެން ނަމަވެސް އޭސީސީއަކަށް މާބޮޑު ކަމެއް ނުކުރެވުނު. އެހެންވީމާ އޭސީސީއަށް ހަމަ ދަންނަވާލަން އޮތް ވާހަކައަކީ މިދިޔަ އެމްޑީޕީ ސަރުކާރުން ހާއްސަ ގޮތެއްގައި ހިންގާފައި ހުރި ޖަރީމާތަކާއި ކޮށްފައި ހުރި ވައްކަންތައް ވަރަށް ރަނގަޅަށް އެބަ ޖެހެއޭ ބަލަން," ފަލާހު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން