ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އަޙްމަދު ނާޒިމް
ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އަޙްމަދު ނާޒިމް
ދަޢުލަތުގެ ޚަރަދު ކުޑަވާ މަންޒަރު ނުފެންނަ ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ ޕެންޝަން ފައިސާ ނުލިބޭ ކަމަށް ބުނެ އޮޑިޓާ ޖެނެރަލް އޮފީހުގެ މުވައްޒަފަކު މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައިވާ ސިޓީއަކާ ގުޅިގެން އެ ކޮމިޓީގައި މިއަދު ވާހަކުފުޅު ދައްކަވަމުންނެވެ.

އެގޮތުން ނާޒިމް ވިދާޅުވީ ފިނޭންސް މިނިސްޓްރީން ޕެންޝަންގެ އިނާޔަތްތައް ކަނޑާލަން ނިންމީ އެކި ގާނޫނުތަކުގައި ރިޓަޔާވާ މީހުންނަށް ދޭން ޖެހޭ އިނާޔަތްތައް އެކި ގޮތްގޮތަށް ހުރުމުން ހުރިހާ އެންމެންނަށް ވެސް އެއް އުސޫލަކުން އަމަލު ކުރުމުގެ ބޭނުމުގައި ކަމަށެވެ. ނަމަވެސް އެކި ފަރާތަތަކުގެ ޝަކުވާ ބޮޑުވެގެން އެ ނިންމުން އަނބުރާ ގެންދަން ޖެހުނުކަން ނާޒިމް ފާހަގަ ކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ ހުރިހާވެސް މައްސަލައަކީ، އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރަން ނުކެެރި އެކަން ލަސްކުރުން ކަމަށެވެ. ނަމަވެސް ވިސްނަންވީ މިވަގުތު ލިބިދާނެ ގެއްލުމަކަށް ނޫން ކަމަށާއި، ދިގު މުއްދަތެއްގައި ޙާސިލުވާންއޮތް ފައިދާއަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.

“އިގްތިސާދީ ކަންތައް ރަނގަޅުވަމުންދާ ތަން އަދިއެއް ނުއެއް ފެނޭ. ފެނިގެން ނުދާ ތަނުގައި ހަރަދުތައް ކުޑަ ކުރެވިގެންދާ ތަނެއް ވެސް ނުފެނޭ.” ނާޒިމް ވިދާޅުވިއެވެ.

ދަޢުލަތުގެ ޢާމްދަނީ ދަށްވެފައިވާކަން ފާހަގަ ކުރަށްވަމުން ނާޒިމް ވިދާޅުވީ އެކަމުގެ އެއް ސަބަބަކީ ސިނގިރޭޓުގެ ޑިއުޓީއަށް އައި ބަދަލު ކަމަށެވެ. އަދި ޑިއުޓީއަށް ބަދަލު އައުމުގެ ކުރިން ގިނަ ޢަދަދެއްގެ ސިނގިރޭޓް އެތެރެކޮށްފައިވާތީ ސިނގިރޭޓް އެތެރެކުރުން މިވަގުތު މަޑުޖެހިފައިވާ ކަމަށް ނާޒިމް ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު ނާޒިމް ވިދާޅުވީ ޑޮލަރުގެ މައްސަލަ ޙައްލު ކުރުމަށް ފިޔަވަޅުތައް އެޅިނަމަވެސް އޭގެ ނަތީޖާ ރަނގަޅަށް ނުފެންނަނީ ޚަރަދު ކުޑަ ނުކުރެވޭތީ ކަމަށެވެ. އެހެންކަމުން އިގްތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރުމަށް މާލިއްޔަތު ކޮމިޓީއަށް ކުރެވެން ހުރި ކަންކަން އިތުރަށް ބަލަންޖެހޭ ކަމަށް ނާޒިމް ވިދާޅުވެފައިވެއެވެ.

އެގޮތުން ނާޒިމް ހުށަހެޅުއްވީ ރިފޯމް ކޮމިޝަނަރާ މާލިއްޔަތު ކޮމިޓީން ބައްދަލުކޮށް ރިފޯމްތައް ގެންނާނެ ޓައިމްލައިނެއް އެކުލަވާލުމަށެވެ. އަދި ކޮންމެ ރިފޯމަކަށް ސުންގަޑިއެއް ކަނޑައަޅައި އެކަން އެގޮތަށް ތަންފީޒުކުރަން ޖެހޭ ކަމަށް ނާޒިމް މިއަދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން