ބޯކޮށް ވާރޭވެހި ފެންބޮޑުވާ ދުވަސްތަކުގައި ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ އެތެރޭގައި ފެން ބޮޑުވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ފަށައިފިއެވެ.

މާލޭގައި ފެންބޮޑުވާ ދުވަސްތަކުގައި ޕީއެސްއެމަށް ފެންވަދެ އެތަނުގައި ހުންނަ މުދަލަށް ގެއްލުން ލިބޭގޮތްވާތީ އެކަމަށް ހައްލެއް ގެނެސްދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭން ޕީއެސްއެމުން ވަނީ އާރްޑީސީގައި އެދިފައެވެ.

މި މަސައްކަތާ ގުޅޭގޮތުން އާރްޑީސީން ބުނެފައިވަނީ މި މަސައްކަތަކީ ޕީއެސްއެމްގެ އެދުމުގެމަތިން ކުރެވޭ މަސައްކަތެއް ކަމަށާއި މިއަދުވެސް އެ ސަރަހައްދުން ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވާކަމަށެވެ.

އާރްޑީސީން ބުނީ މި މަސައްކަތް ކުރުމުގެ ތެރެއިން ސަރަހައްދުގެ ކާނުތައް ސާފުކޮށް، އެތެރެއަށް ފެން ވަންނަ ސަބަބު ދެނެގަނެވޭނެ ކަމަށެވެ. އަދި އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރެވިގެން ދާނެކަމަށް ބުނެފައިވެެއެވެ.

އާރްޑީސީން މި މަސައްކަތް ކޮށްދޭތީ ޕީއެސްއެމުން ވަނީ އެކްސްގައި އެކަން ފާހަގަކޮށް އާރްޑިސީއަށް ޝުކުރު އަދާކޮށްފައެވެ. ޕީއެސްއެމުން ބުނީ މި މަސައްކަތުގެ ދަށުން ދާއިމީ ހައްލެއް ނުލިބުނު ނަމަވެސް، މިހާރު ދިމާވަމުންދާ ގޮންޖެހުންތަކަށް ބޮޑު ހައްލެއް ލިބިގެން ދާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން