އެމްޑީޕީގެ ޤާނޫނީ ވަކީލް އަނަސް އަބްދުއްސައްތާރު
އެމްޑީޕީގެ ޤާނޫނީ ވަކީލް އަނަސް އަބްދުއްސައްތާރު
ޤާނޫނު އަސާސީއަށް ގެނައި އިސްލާޙުގެ ސަބަބުން ނިގުޅައިގަނެވެނީ ރައްޔިތުންގެ ބާރު ކަމަށް އެމްޑީޕީން މިއަދު ސުޕްރީމް ކޯޓުގައި ބުނެފައިއެވެ.

އެމްޑީޕީގެ ފަރާތުން މިކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު މިހާރުގެ މެންބަރުންނަށް ނުހިނގާ ގޮތަށް ހަދައިދިނުމަށާއި އެ އިސްލާޙް ބާތިލު ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލައިގެ އަޑު އެހުމުގައެވެ.

މި މައްސަލައަށް އެމްޑީޕީން ވަނީ ތަދައްޚުލު ވެފައެވެ. އެމްޑީޕީގެ ޤާނޫނީ ވަކީލް އަނަސް އަބްދުއް ސައްތާރު މިއަދު ސުޕްރީމް ކޯޓުގައި ވިދާޅުވީ ޤާނޫނު އަސާސީއަށް ގެނައި އިސްލާޙުގެ ސަބަބުން ނިގުޅައިގަނެވެނީ ރައްޔިތުންގެ ބާރު ކަމަށާއި އެހެންކަމުން އެއީ ޤާނޫނު އަސާސީގެ އޮނިގަނޑާއި ޤާނޫނު އަސާސީގެ ރޫޙާ ޚިލާފަށް ގެނެސްފައިވާ އިސްލާޙެއް ކަމަށެވެ.

ވަކީލް އަނަސް ވިދާޅުވީ އެމްޑީޕީއަކީ ގިނަ ޢަދަދެއްގެ ރައްޔިތުން ތަމްސީލުކުރާ ޕާޓީއެއް ކަމަށާއި އޭގެއިތުރުން އެޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް އެބްތިއްބެވި ކަމަށެވެ.

“ޤާނޫނުއަސާސީ އިސްލާހުކުރުމުގެ ބާރު ދެނީ އިސްލާހުކުރަން. އެއްގޮތަކަށްވެސް އެ މުގުރާލާކަށް ނޫން.” އަނަސް މިއަދު ވިދާޅުވިއެވެ.

އަނަސް މިހެން ވިދާޅުވެފައިވާއިރު ދަޢުލަތުގެ ވަކީލް މިއަދު ސުޕްރީމް ކޯޓުގައި ވިދާޅުވީ ޤާނޫނު އަސާސީއަށް އިސްލާޙު ގެނެސްފައިވަނީ ޤާނޫނު އަސާސީގެ 12 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ތަރުތީބުން އިޖުރާޢަތާ އެއްގޮތަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައީ މިދިޔަ އަހަރުގެ ނޮވެންބަރު 20 ގައެވެ. އެ މައްސަަލަ ހުށަހެޅި ދުވަހު މަޖިލީހުން ފާސްކޮށް، ހަމަ އެ ދުވަހު ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގުވެސް ކުރައްވައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން