ބަޔޯމެޓްރިކް ޑާޓާ އަދާހަމަ ނުކުރާނަމަ ޑީޕޯޓް ކުރަން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

ދާޚިލީ ވުޒާރާއިން ބުނީ އެ ވުޒާރާއި ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ ހަރަކާތުގައި ބައިވެރި ނުވެ ބަޔޯމެޓްރިކް ޑާޓާ އަދާހަމަ ނުކުރާ ބިދޭސީން ޑީޕޯޓް ކުރާނެ ކަމަށެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ދެ ވަނަ ދުވަހު ފެށި އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަރ ޕްރިންޓާއި ފޮޓޯ އަދި މައުލޫމާތު އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކުރުމެވެ.

މިއަދު ދާޚިލީ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނީ ބިދޭސީންގެ ބައޯމެޓްރިކްސް (ފިންގަރޕްރިންޓް އަދި ފޮޓޯ) އަދާހަމަކުރުމުގެ އެންމެ ފަހު ތާރީހަކީ އޭޕްރީލް 20 ވަނަ ދުވަސް ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަދާހަމަ ނުކުރާ ބިދޭސީން ރާއްޖެއިން ޑީޕޯޓްކޮށްލެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

ދާޚިލީ ވުޒާރާއިން ކުރި އިތުރު އިއުލާނެއްގައި، މާލެ ސަރައްހައްދު ފިޔަވައި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ވަޒީފާއަދާ ކުރާ ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް މާރިޗް އެއް ވަނަ ދުވަހުގެ ކުރިން ވަޒީފާދޭ ފަރާތުން ކައުންސިލްތަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ވަނީ އަންގާ ފައެވެ.

ރިސޯޓުތަކާއި ސަފާރީތަކާއި، ދަނޑުވެރިކަން ކުރުމަށް ހާއްސަކޮށް ދޫކޮށްފައިވާ ރަށްރަށުގައާއި، އަދި އެހެނިހެން ސިނާއީ މަސައްކަތްކުރާ ރަށްތަކުގައި ވަޒީފާއަދާ ކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެންސީއައިޓީގައި ގާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރ ނުވަތަ އެ ބިދޭސީ މުވައްޒަފަކު ވަޒީފާއަދާކުރާ ސައިޓަކާއި އެންމެ ކައިރީގައިވާ ކައުންސިލް އިދާރާއަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ވެސް ވަނީ އަންގާފައެވެ.

ވުޒާރާގެ އިއުލާނުގައި ވަނީ މި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑްކޮށް ހިދުމަތް މެދުކަނޑާލެވޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން