ދަރިފުޅާއި މަންމައާ ދެމެދު ހިތްހަމަނުޖެހުންތަކެއް އުފެދި ޒުވާބު ކުރަނީ- ގޫގުލް އިމޭޖެސް
ދަރިފުޅާއި މަންމައާ ދެމެދު ހިތްހަމަނުޖެހުންތަކެއް އުފެދި ޒުވާބު ކުރަނީ- ގޫގުލް އިމޭޖެސް
ފުރާވަރު އުމުރަކީ ދަރިންނަށް ތަފާތު އެކި ކަންތައް ދަސްވެ، ރައްޓެހިންނާއެކު ވަގުތު ހޭދަކުރާވަރު ގިނަވާ ދުވަސްވަރެކެވެ. މިދުވަސްވަރު އާންމުކޮށް ވަރަށް ގިނަ ކުދިންގެ ފަރާތުން ބެލެނިވެރިން ހިތްހަމަނުޖެހޭ ފަދަ ކަންތައް ފެނެއެެވެ. އެގޮތުން ބަލާއިރު އެންމެ ބޮޑަށް ފެންނަ އެއް ކަމަކީ އެކުދިން ބެލެނިވެރިންނާ ބަހުސް ކުރާ މަންޒަރެވެ. ދަރިފުޅު މިހެން ކަންތައް ކުރާނަމަ ރުޅި އައުމުގެ ބަދަލުގައި ކުރަން ޖެހޭ ވަރަށް ގިނަ ކަންތައް އެބަ ވެއެވެ.

އެގޮތުން ބަލާއިރު ދަރިންގެ ފަރާތުން މިފަދަ ކަމެއް ފެނިއްޖެނަމަ އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އެކުދިން ދައްކާ ވާހަކަތައް ކެއްތެރިކަމާއެކު އަޑު އެހުމެވެ. އަދި ދަރިފުޅު ވާހަކަދައްކައި ނިމެންދެން މަޑު ކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. މިކަމުގެ ސަބަބުން ދަރިފުޅަށް އޭނާގެ ވާހަކަތައް އަޑުއަހާކަން އެނގި، އޭނާގެ ހިޔާލުތައްވެސް ބަަލައިގަންނަކަން އެނގޭނެއެވެ.

އަދި ދަރިފުޅުގެ ފަރާތުން މިފަދަ އަމަލެއް ފެނިއްޖެނަމަ އެކުއްޖަކާ މުއާމަލާތުކުރާއިރު އިހްތިރާމާއެކު ވާހަކަ ދެއްކުމަކީވެސް މުހިންމު ކަމެކެވެ. ރުޅި އައުމުގެ ބަދަލުގައި ދަރިފުޅުގެ ހިޔާލުތަކާއި ޝުއޫރުތައް ރަނގަޅަށް އަޑުއަހައި، އެކަމަށް ސަމާލުވެ ރިވެތިކޮށް ވާހަކަ ދެއްކުމަށް އަހައްމިއްޔަތު ކަން ދިނުމަކީ މުހިންމު ކަމެކެވެ. މިހެން ހެދުމުން އޭނާގެ ހިޔާލުތަކަކީ އަގުހުރި ކަންތައްތަކެއްކަން އޭނާއަށް އެނގޭނެއެވެ.

މީގެ އިތުރުން ދަރިފުޅު މިހެން ކަންތައް ކުރާތަން ފެނިއްޖެނަމަ އެކުއްޖާއާ ވާހަކަ ދައްކައިގެން ގޭތެރޭގައި އަމަލު ކުރަންވީ ވަކި ގަވާއިދުތަކެއް ކަނޑައެޅުމަކީވެސް މުހިންމު ކަމެކެވެ. އަދި މި ގަވާއިދުތަކަކީ ދެފަރާތުންވެސް ގަބޫލު ކުރާ ކަންތައްތަކަކަށް ވާން ޖެހެއެވެ. އަދި ދަރިފުޅު މި ގަވާއިދުތަކާ ހިލާފުވެއްޖެނަމަ ދެން ކަންތައް ކުރާނެ ގޮތެއްވެސް ނިންމައި ކަނޑައަޅަން ޖެހެއެވެ. މިހެން ކަންތައް ކުރުމުން ދަރިފުޅަށް އޭނާގެ އަމަލުތަކުގެ ޒިންމާ ނަގަން ދަސްވެއެވެ.

މި ހުރިހާ ކަމަކީ ވެސް ތިބާގެ ދަރިފުޅާއެކު ރަނގަޅު ގުޅުމެއް ބިނާކުރުމަށް އެހީތެރިވެދޭނެ ކަންތައްތަކެވެ. މިކަންކަމުގެ ސަބަބުން ތިބާގެ ދަރިފުޅާ ދެމެދު އޮންނަ މުއާމަލާތުތައް ރަނގަޅުވެ، ޒުވާބުކުރުން މަދުވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން