ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު--
ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު--
ޝައްކު އުފެދޭގޮތަށް މިދިޔަ ސެޕްޓެމްބަރު މަހު ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރަކީ އާދައިގެ މަރެއް ކަމަށް ނުބެލެވޭ ކަމަށާއި އެ މައްސަަަލައިގެ ތަހުގީގު ނުނިމިގެން އުޅެނީ ހަގީގަތް ހޯދަން ވަގުތު ނަގާތީ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ކޮޅެއްގައި ނުޖެހި އެ ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާތީ ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޕޮލިސް ކޮމިޝަނަރު އިއްޔެ ވަނީ ހޮޅުދޫއަށް ވަޑައިގެންފަ އެވެ.

އަދި ހޮޅުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ޝުޖާއު ރޭ ވިދާޅުވީ ޒަކިއްޔާގެ މަރުގެ މައްސަލައިގެ ފުންމިނަށް ދިއުމަކީ އޭނާގެ ވެސް ޒިންމާއެއް ކަމަށެވެ.

ޝުޖާއު ވިދާޅުވީ ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު ދުވަހުވެސް ހެކިތައް ހޯދި ކަމަށާއި އަދި ރާއްޖެއިން ބޭރުގެ ދެ ފަރާރަތަކާވެސް އެ މައްސަލައިގައި މަޝްވަރާކުރި ކަމަށް ޝުޖާއު ވިދާޅުވި އެވެ.

އަދި އޭގެ އިތުރުން ނަފްސާނީ ކަންތައްތަކެއްވެސް އެކަމުގައި ހިމެނޭ ކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރަމުންދާތީ ނަފްސާނީ އިލްމުވެރިންނާއި އެކަމުގައި ތަޖުރިބާހުރި ބޭފުޅުންނާއެކު މަސައްކަތްތަކެއް މިހާރު ކުރިއަށް ގެންދާކަމަށް ޝުޖާއު ވިދާޅުވި އެވެ.

އެ މައްސަލައަށް ހައެއްކަ މަސްވެފައިވާ އިރު އަދިވެސް ތަހުގީގު ނުނިމޭތީ ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

"އެނގިވަޑަގައިގެންނަވާނެ މި ތަހުގީގުގައި އަޅުގަނޑުމެން ވަކި ގޮތެއް ނިންމާ ވަކި ގޮތެއް ހަދާނަމަ މިހާ ގިނަ ދުވަހެއް ނަގާކަށް ނުޖެހޭ. އެހެން ނަމަވެސް މީގައި ދުވަސްވެސް ނަގަނީ އަޅުގަނޑުމެން މިކަމުގައި ހުރި ހައްސާސްކަމާއި އަދި ތިދެންނެވި ގޮތަށް އަޅުގަނޑުމެންނަށް މި މަރުވެފައި ގޮތް އާދައިގެ ގޮތަކަށް މަރުވެފައި އޮތް ކަމަށް ގަބޫލުނުކުރެވޭތީ. އޭގެ ހަގީގަތް ހޯދުމަށްޓަކާ ކުރާ މަސައްކަތް. އެ މަސައްކަތުގައި މި ވަގުތު ނަގަނީ. އެހެންވީމަ މަސައްކަތް ނިންމާފައި އަޅުގަނޑުމެންނަށް ފެނުނު އެއްޗެއް އަޅުގަނޑުމެން ހާމަކުރާނަން،" ޝުޖާއު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން