ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރު
ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރު
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކުރިމަތި ކޮށްފައިވާ ފިއްތުންތަކާ އެކުވެސް ޕާޓީގެ ވިޕްލައިނަށް ބޯ ތިރިނުކޮށް ހިންދެމިލާފައިވާތީ ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރު ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫޤަށް މިއަދު ތަޢުރީފް ކުރަށްވައިފިއެވެ.

ޢުމަރު މެންބަރު އަޒާނަށް ތަޢުރީފް ކުރަށްވާފައިވާއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު މަދުކުރުމުގެ ބިލަށް ޕީއެންސީން ނެރެފައިވާ ވިޕަށް ގޮންޖައްސަވައި އެ ބިލަށް ވޯޓު ނުދެއްވައި އަޒާން މިއަދު ވަނީ މަޖިލީހުގެ ތަޅުން ދޫކުރަށްވައި ނިކުންނަވާފައެވެ.

އެކަމާ ގުޅިގެން ޢުމަރު މިއަދު ވިދާޅުވީ ޕީއެންސީގެ ހުރިހާ މެންބަރުން ޕާޓީގެ ވިޕަށް ބޯތިރިކުރިއިރު، ޤަބޫލުކުރާ ހަމަ ހިފައިގެން ތެދުވެ ހިންދެމިލަން ކެރުނީ ހަމައެކަނި އަޒާނަށް ކަމަށެވެ.



ޢުމަރު މި ބީދައިން އަޒާނަށް ތަޢުރީފް ކުރަށްވާފައި ވާއިރު ފަނޑިޔާރުން ވަކިކުރުމުގެ ބިލަށް ފާޑު ވިދާޅުވެފައިވާތީ ޕީއެންސީ ޕީޖީގެ ވަޓްސްއެޕް ގްރޫޕުންވެސް އިއްޔެ އަޒާން ވަނީ ބޭރުކޮށްފައެވެ.

ސުޕްރީމު ކޯޓުގެ ބެންޗު ކުޑަ ކުރުމަށް ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ގްރޫޕުން ނެރެފައިވާ ވިޕަށް ގޮންޖައްސަވައި މަޖިލީހުގެ ތަޅުން ދޫކުރަށްވައި ނިކުންނެވުމަށްފަހު އަޒާން ވިދާޅުވެފައިވަނީ އެ ބިލަށް ތާއީދު ނުކުރަން ނިންމީ، އެ ބިލަކީ ޤާނޫނު އަސާސީއާ ހިލާފު ބިލަކަށް ވުމުން ކަމަށެވެ. އަދި އެފަދަ ބިލަކަށް ތާއީދު ކުރުމަކީ ޤާނޫނު އަސާސީގެ 75 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށްވެސް އަޒާން ވިދާޅުވެފައިވެއެވެ.

އެހެން ނަމަވެސް އައްޑޫއަށް ތަރައްޤީ ގެނެސްދިނުމަށްޓަކައި އަދިވެސް ހުންނެވީ ސަރުކާރާއި އެކުގައި ކަމަށް އަޒާން މިއަދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން