ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތައް
ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތައް
ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން ފްލެޓު ލިބޭނީ 1820 މީހުންނަށް ކަމަށް ޢިމާރާތް ކުރުމާއި ބޯހިޔާވަހިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

މުއްޠަލިބް މިހެން ވިދާޅުވެފައިވާއިރު ކުރީ ސަރުކާރުން 2022 ވަނަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހު ފެށި ”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރި 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓެއް 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު އޭރުގެ ހައުސިން މިނިސްޓްރީން ޢާއްމު ކޮށްފައިވެއެވެ.

ނަމަވެސް އޭރު ޢާއްމު ކުރި ލިސްޓުގައި މައްސަލަތަކެއް އުޅޭ ކަމަށް ބުނެ އޭސީސީން ވަނީ ލިސްޓް އަލުން މުރާޖަޢާ ކުރުމަށް މި ސަރުކާރަށް އަންގާފައެވެ.

އޭސީސީގެ އެންގުމާ ގުޅިގެން ލިސްޓް އަލުން މުރާޖަޢާ ކުރުމަށްފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވީ މިއަދު އިއުލާނު ކުރާ ފްލެޓު ލިސްޓުގައި ހިމެނޭނީ މިދިޔަ ސަރުކާރުން އިއުލާނު ކުރި ފްލެޓު ލިސްޓުގައި ފުރަތަމަ 4000 ފްލެޓު ލިބޭނެ ކަމަށް ކަނޑައެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުން ކަމަށެވެ.

އެގޮތުން ތިން ކޮޓަރީގެ ފްލެޓު ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި 3721 މީހުންގެ ތެރެއިން 76 ޕޮއިންޓަށް ވުރެ މަތިން ޕޮއިންޓު ލިބިގެން ފްލެޓު ލިބެނީ 1423 މީހުންނަށް ކަމަށް މުއްޠަލިބް ވިދާޅުވިއެވެ.

އަދި ދެ ކޮޓަރީގެ ފްލެޓު ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި 1218 މީހުންގެ ތެރެއިން ޝަރުތު ހަމަވެ 73 ޕޮއިންޓަށް ވުރެ މަތިން ލިބިފައި ވަނީ 397 މީހުންނަށެވެ.

އޭގެއިތުރުން ފްލެޓު ނުލިބޭނެ ކަމަށް މި ސަރުކާރުން ކަނޑައެޅި 3119 މީހުންނަކީ ފްލެޓު ލިބޭ ވަރަށް ޝަރުތު ހަމަނުވާ 2695 މީހުންނާއި އިވެލުއޭޝަން ނިމުނުއިރު ފްލެޓު ލިބޭ ވަރަށް ޕޮއިންޓު ނުލިބުނު 424 މީހުންނެވެ.

“ވެރިފިކޭޝަން ކުރިއަށް ދިޔައީ ޕޯޓަލްގެ ތެރެއިން. ހުށަހަޅާފައިވާ އެއްވެސް މައުލޫމާތެއް ލިޔެކިޔުން ބަދަލުކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ލިބިފައި ނުވާނެ.” ޑރ. މުއްޠަލިބް ވިދާޅުވިއެވެ.

ޑރ. މުއްޠަލިބް މިހެން ވިދާޅުވެފައިވާއިރު މިދިޔަ ސަރުކާރުން އިއުލާނުކުރި ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ޝަރުތު ހަމަވާ 4939 މީހުން ހިމެނެއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 ގައި 17 އާއި 18 ބުރީގެ 32 ޓަވަރު ވަނީ އިމާރާތް ކޮށްފައެވެ. އޭގޮތުން ޓަވަރުތަކުގެ ކޮންމެ ފްލޯއެއްގައި އަށް އެޕާޓްމެންޓް ހުންނައިރު އޭގެ ތެރޭގައި ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން