ފޯނަށް ދެވިހިފާފައިިވާ މީހެއް- ފޮޓޯ: ގޫގުލް
ފޯނަށް ދެވިހިފާފައިިވާ މީހެއް- ފޮޓޯ: ގޫގުލް
ޒަމާނަށް އައިސްފައިވާ ބަދަލުތަކާއެކު ފޯނުތަކަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވަރަށް މުހިންމު ބަޔަކަށް މިވަނީ ވެފައެވެ. ކޮންމެ ކަމެއް ކުރިއަސް އަޅުގަނޑުމެންނާ އެންމެ ގާތުގައިވާ އެކައްޗަކީ ފޯނެވެ. ކާގަޑީގައިވެސް، ނިދާ ގަޑީގައިވެސް، އަދި ބައެއް މީހުން ފާހާނާ ކުރާއިރުވެސް ފޯނު ބޭނުން ކުރެއެވެ. ފޯނުތަކަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ މުހިންމު ބައެއް ކަމުގައިވީނަމަވެސް ފޯނު ބޭނުން ކުރުމުގައި ހައްދުފަހަނައަޅައި ދިއުމަކީ ނުރައްކާތެރި ކަމެކެވެ.

މިފަހަރު މި ހިމަނާލަނީ ފޯނަށް ދެވިހިފާފައިވާނަމަ މި އާދަ ދޫކޮށްލަން ކުރަންޖެހޭ ބައެއް ކަންކަމެވެ.

ނޮޓިފިކޭޝަން ނިއްވާލުން

ފޯނުގެ ބައެއް ނޮޓިފިކޭޝަންތައް ނިއްވާލުމަކީ ފޯނު ބޭނުންކުރުމުގެ އާދަ ކޮންޓްރޯލްކުރުމަށް އެޅިދާނެ އެންމެ މުހިންމު ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ. ބައެއް ވަގުތު ވަގުތު ނޮޓިފިކޭޝަން ނިއްވާލުމުން ތިބާގެ ސަމާލުކަން ގެއްލި، ފޯނު ބަލަން މަޖުބޫރުވާ މިންވަރު މަދުވާނެއެވެ. އަދި މިކަމުގެ ސަބަބުން ތިބާއަށް ތިބާގެ އެހެނިހެން މަސައްކަތްތަކަށް އިތުރަށް ސަމާލުކަން ދެވޭނެއެވެ.

ފޯނު ބޭނުން ކުރުމުގެ އާދަތައް ބަދަލު ކުރުން

ފޯނު ބޭނުން ކުރުމުގެ އާދަތައް ބަދަލު ކުރުމަކީވެސް ފޯނު ބޭނުން ކުރާ ވަރު ކޮންޓްރޯލު ކުރުމަށްޓަކައި ކުރެވިދާނެ ކަމެކެވެ. މިސާލަކަށް، ތިބާ ނިދަން އޮށޯންނައިރު ފޯނު ބޭނުންކުރުމުގެ ބަދަލުގައި، ފޮތެއް ކިޔުމަށް މަސައްކަތްކުރެވިދާނެއެވެ. އަދި ހެނދުނު ހޭލާއިރު ފޯނު ބެލުމުގެ ބަދަލުގައި، ކަސްރަތު ކުރުމަށް މަސައްކަތް ކުރެވިދާނެއެވެ. މިހެން އާދަތައް ބަދަލު ކުރުމުން ފޯނު ބޭނުން ކުރެވޭ ވަރު ކޮންޓްރޯލު ކުރެވި، މީހާ ހަރަކާތްތެރިވާ ވަރު އިތުރުވެއެވެ.

އެޕްތައް މަދުކުރުން

ފޯނުގައި ހުރި އެޕްތައް މަދުކުރުމަކީ ފޯނު ބޭނުންކުރުމުގެ އާދަ ކޮންޓްރޯލްކުރުމަށް އެޅިދާނެ އަނެއް މުހިންމު ފިޔަވަޅެވެ. އެގޮތުން ފޯނުގައި ހުރި އެޕްތަކުގެ ތެރެއިން ކޮންމެހެން ބޭނުން ނުވާ އެޕްތައް ޑިލީޓު ކުރެވިދާނެއެވެ. މިހެން ހެދުމުން ފޯނުގައި ހުންނާނީ ހަމައެކަނި މުހިންމު އެޕްތަކެވެ. މިކަމުގެ ސަބަބުން ބޭކާރު ގޮތުގައި ފޯނު ބޭނުން ކުރާ ވަރު މަދުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން