މާޝާ މިދުހަތު   4 މާރިޗު 2025 - 9:5
ސީނި ސަމްބޯލް ބަންގެ ފިލިންގް ތައްޔާރު ކުރުމަށް ބޭނުންވާނެ ތަކެތި:

3 ބޮޑު ރަތް ފިޔާ ތުނިކޮށް ކޮށާފައި

2 ލޮނުމެދު ތުނިކޮށް ކޮށާފައި

1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް

2 މޭޒުމަތީ ސަމުސާ ޗިލީ ފްލޭކްސް

1 ސައިސަމުސާ ލޮނު

1 މޭޒުމަތީ ސަމުސާ ހަކުރު

1 ސައިސަމުސާ މުގުރި މިރުސް (ޗިލީ ޕައުޑަރ)

5 ކާފޫރު ތޮޅި

5 ހިކަނދި ފަތް

3 ރާނބާފަތް

1 ފޮނިތޮށި

5 ކަރަންފޫ

1 ސައިސަމުސާ ލުނބޯ ހުތް

1 މޭޒުމަތީ ސަމުސާ ކާށި ކިރު

ބަން ތައްޔާރު ކުރުމަށް ބޭނުންވާނެ ތަކެތި:

50ގ ބަޓަރ

7ގ ޔީސްޓް

120 އެމްއެލް ވޯޓަރ

1/2 1 މޭޒުމަތީ ސަމުސާ ހަކުރު

1/2 ސައިސަމުސާ ލޮނު

50ގ ހިކި ކިރު (މިލްކް ޕައުޑަރ)

1 ބިސް

2 ކަޕް ފުށް

ސީނި ސަމްބޯލް ބަން ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ތަވައެއްގައި ފިޔާ، ލޮނުމެދު، އޮލިވް އޮއިލް، ޗިލީ ފްލޭކްސް، ލޮނު، ހަކުރު، މުގުރި މިރުސް މަޑު ގިނީގައި އެއްކޮށްލާށެވެ. ފިޔާ ރަތް ވާން ފެށުމުން ކާފޫރު ތޮޅި، ހިކަނދި ފަތް، ރާނބާ ފަތް، ފޮނި ތޮށި އަދި ކަރަންފޫ އެއްކޮށްލާށެވެ. ދެން ތަވާގެ މަތި ޖަހައި މަޑު ގިނީގައި ފިޔާ ރަތްވެ ސީނި ސަމްބޯލް އަށް ވަންދެން ބަހައްޓާށެވެ. ފިޔާ ގަނޑު މަޑުވެ ސީނި ސަމްބޯލް އަށް ވާން ގާތްގަނޑަކަށް 45 މިނެޓް މަޑު ގިނީގައި ބަހައްޓާލުން ރަނގަޅުވާނެއެވެ.

ސީނި ސަމްބޯލް ތައްޔާރު ވާން ވާއިރަށް، ބަން ތައްޔާރުކުރަން ބޭނުންވާ ފުށްގަނޑު ދެން ތައްޔާރުކޮށްލާށެވެ. މިކަން ކުރުމަށް ޔީސްޓް، ހަކުރު، ފެން ބައުލް އެއްގައި އެއްކޮށްލާ ޔީސްޓް އެކްޓިވޭޓްވެ ފޮނު އަރަންދެން ބަހައްޓާށެވެ. ދެން އެހެން ތައްޓެއްގައި ފުށާއި، ލޮނު، ކިރު، ބަޓަރު އަދި ބިސް ރަނގަޅަށް އެއްކޮށްލާށެވެ. ދެން ޔީސްޓްކޮޅު އެއްކޮށްލުމަށްފަހު ފުށްގަނޑު ރީއްޗަށް މޮޑެލާށެވެ. ގާތްގަނޑަކަށް 10 - 15 ވަރަކަށް މިނެޓް ވަންދެން ފުށްގަނޑު ރީއްޗަށް މޮޑެލާން ވާނެއެވެ. ދެން ތައްޓެއްގައި ބަޓަރު ނޫނީ ތެޔޮ ކޮޅެއް އުނގުޅައިލުމަށްފަހު ފުށްގަނޑު އެތައްޓަށް ލުމަށްފަހު ކަވަރ ކޮށްލާފަ އެއްކައިރީ ބަހައްޓާށެވެ. ދެގަޑި އިރެއްހާއިރު ފުށްގަނޑު ފުފެންދެން މިހެން ފުށްގަނޑު ބަހައްޓަންވާނެއެވެ. ފުށްގަނޑު ރީއްޗަށް ފުފުމުން، 4 - 6 ގުޅަ ޖަހާށެވެ.

މީހާރު މިހުރީ ސީނި ސަމްބޯލް ބަން ހެދުމަށް ބޭނުންވާ ސީނި ސަމްބޯލް އަދި ބަނަސް ހެދުމަށް ބޭނުންވާ ފުށްގަނޑު ތައްޔާރުކުރެވިފައެވެ. ދެން ވަކި ކުރި ފުށް ގުޅަ ތަކުގެ ތެރެއަށް 2 މޭޒު މަތީ ސަމްސަލުގެ ސީނި ސަމްބޯލް އަޅައި ބައްދާލައި ގުޅަ ޖަހާލައި ނުވަތަ ދިގު ބަނަހެއް ހެން އޮންނާނެހެން ފުށްގަނޑު ތައްޔާރުކޮށްލާށެވެ.

ދެން ސީނި ސަމްބޯލް ބަން ފިހުމަށް އަވަން 180 ޑިގްރީ ސެލްސިއަސް އަށް ލުމަށްފަހު ޕްރީހީޓް ކުރަން ބަހައްޓާށެވެ. އަވަން ހޫނު ވާން ވާއިރަށް ބޭކިންގ ޓްރޭއެއްގައި ފުށްކޮޅެއް ހާކާލުމަށްފަހު، ތައްޔާރުކުރި ސީނި ސަމްބޯލް ބަން ތައް ފިހުމަށް ތައްޔާރުކޮށްލާށެވެ. ފިހުމަށް އަވަނަށް ލުމުގެ ކުރިން 20 މިނެޓްވަންދެން މި ބަންތައް ފުފުމަށް ވަގުތު ދިނުން ވަރަށް ރަނގަޅެވެ. ދެން ބަން ތައް ތައްޔާރުވުމުން، ބިހެއް ތައްޓަކަށް ތަޅާލުމަށްފަހު ބަން ތަކުގެ މަތީގައި ބިސް ކާއްތާލާށެވެ. ދެން އަވަނަށް ލައި 10 - 15 މިނެޓް ވަންދެން ފިހެލާށެވެ. މިހާރު މިހުރީ ސީނި ސަމްބޯލް ބަން ތައްޔާރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން