ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، ފޮޓޯ: ގޫގުލް
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، ފޮޓޯ: ގޫގުލް
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައާ ގުޅޭ އަޑުއެހުންތައް އާންމުކޮށް ހުޅުވާނުލައި ކުރިއަށް ގެންދަން ކޮމިޝަނުން ނިންމައިފިއެވެ.

ފަނޑިޔާރު އަޒްމިރަލްދާއާ ގުޅިގެން ޖޭއެސްސީން ބަލަމުންދާ އެއް މައްސަލައަކީ އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރު ކުރުމުން، އޭނާ ބަންދުން ދޫކުރަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅައި ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކުރާ މައްސަލައެކެވެ.

މި މައްސަލައާ ގުޅިގެން މާދަމާ ފަނޑިޔާރު އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރު ކުރަން ވަނީ ނިންމާފައެވެ. އެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ބާއްވަން ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލް އިބްރާހިމް ޝަމީލް ވަނީ ޖޭއެސްސީގައި އެދިފައެވެ.

މިއަދު މެންދުރު 12 ޖެހިއިރު ޖޭއެސްސީން ބޭއްވި ބައްދަލުވުމަށް، އަޒްމިރަލްދާގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމާ މެދު ކޮމިޝަނުން ގޮތެއް ނިންމުމަށް ތަހުގީގު ކޮމިޓީން މައްސަލަ އެޖެންޑާކޮށް އެއާމެދު ވަނީ މަޝްވަރާކޮށްފައެވެ. އަދި އެ ބައްދަލުވުމުގައި ކޮމިޝަނުން ނިންމީ އަޑުއެހުންތައް ހުޅުވާނުލާ ކުރިއަށް ގެންދިއުމަށެވެ.

މި މައްސަލައާ ގުޅިގެން މީގެ ކުރިން އަޒްމިރަލްދާގެ ވަކީލު ނެރުނު ބަޔާނެއްގައި ވިދާޅުވީ ޖިނާއީ ކުށެއްގެ ތުހުމަތު ވެސް ނެތީސް، ހައްޔަރުކުރި ޑރ. އިސްމާއިލް ބަންދުން ދޫކުރަން ފަނޑިޔާރު އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ތުހުމަތެއް ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅާފައިވެސް ނުވާނެ ކަމަށާއި އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވާފައިނުވާނެކަން ބަޔާންކޮށް ތަފްސީލާ އެކު ޖޭއެސްސީއަށް ސިޓީއަކުން އަންގާފައިވާނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން