އޭސީސީގެ ރައީސް އާދަމް ޝާމިލް
އޭސީސީގެ ރައީސް އާދަމް ޝާމިލް
މަޤާމުގެ ނުފޫޒް ބޭނުންކުރި ކަމަށް ތުހުމަތުކޮށް އޭސީސީގެ ރައީސް އާދަމް ޝާމިލްގެ މައްސަލަ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ އޭސީސީއަށް ހުށައަޅުއްވައިފިއެވެ.

ޝާމިލްގެ މައްސަލަ އޭސީސީއަށް ހުށައަޅާފައިވާއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ހަތަކުން ފަހަކަށް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނިކޮށް އޭސީސީން ޖޭއެސްސީއަށް ފޮނުވި ކުއްލި ސިޓީއަކާ ގުޅިގެން ޖޭއެސްސީން ވަނީ ސުޕްރީމްކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށްފަ އެވެ.

ސަސްޕެންޑްކުރި ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަޒްމިރަލްދާ އޭސީސީއަށް ފޮނުވި ސިޓީގައި ވިދާޅުވީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކުން އޭނާ އެކަހެރި ކުރިއަސް އޭނާގެ މައްޗަށް އެއްވެސް ތުހުމަތެއްގައި އެއްވެސް މައްސަލައެއް ބަލާކަން އޭސީސީން އަންގާފައި ނުވާ ކަމަށެވެ.

އަދި މިދިޔަ މަހުގެ 26 ގައި އޭސީސީން ފަނޑިޔާރުންގެ މައްސަލަ ބަލާ ކަމަށް ބުނެ ޖޭއެސްސީއަށް ސިޓީ ފޮނުވާފައިވަނީ ޖެމްސް މެދުވެރިކޮށް ނޫންކަމާއި އަތުން އަތަށް ސިޓީ ފޮނުވައިގެން ކަމަށާއި، އެސިޓީގައި ސިޓީ ނަމްބަރު ނެތްކަމަށެވެ.

އަދި އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަމުންދާކަމަށް އޭސީސީން ސިޓީއަކުން ޖޭއެސްސީއަށް އެންގިއިރު އެފަދަ ތަހުގީގެއް ކުރަން އޭސީސީން ނިންމާފައި ނުވާކަމަށާއި، މާޗް 4 ވަނަ ދުވަހާ ހަމައަށް ވެސް މައްސަލަ އޮތީ މައުލޫމާތު އެއްކުރުމުގެ މަރުހަލާގައި ކަމަށް ވެސް ސިޓީގައި ވެއެވެ.

އެހެންކަމުން އަޒްމިރަލްދާގެ މައްޗަށް ޖިނާއީ ކުށުގެ މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށް ބުނެ ޝާމިލް ޖޭއެސްސީއަށް ދީފައިވަނީ ދޮގު މައުލޫމާތެއް ކަމަށާއި، އަދި ޝާމިލް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ފޮނުވި ސިޓީއަކީ، ސުޕްރީމް ކޯޓުގައި ތާވަލްކޮށްފައި އޮތް ޝަރީއަތެއް ހުއްޓުވާލައި ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަށް ގާނޫނުއަސާސީއާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށްވެސް އަޒްމިރަލްދާގެ ސިޓީގައިވެއެވެ.

އަދި މިއީ އޭސީސީގެ ރައީސް ޝާމިލް ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް، އެކަމުގައި ތިމާއަށް އަދި މަންފާ ލިބެންނުޖެހޭ ފަރާތްތަކަށް މަންފާ ހޯދައިދިނުމުގެ މަގުސަދުގައި ކޮށްފައިވާ ކަމަކަށް ވާތީ ޖިނާއީ ކުށުގެ އެ އަމަލު އަވަހަށް ތަހުގީގުކޮށްދިނުމަށް އަޒްމިރަލްދާ ވަނީ އޭސީސީގައި އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން