ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަމުންދާ ސުލޫކީ މައްސަލައިގައި ކޮށްފައިވާ ތުހުމަތުތަކަކީ އަސްލެއް ނެތް ދޮގު ތުހުމަތުތަކެއް ޖޭއެސްސީގައި މިއަދު ވިދާޅުވެއްޖެއެވެ.

ޖޭއެސްސީން ބަލަމުން ދަނީ ފަނޑިޔާރު ޑރ. އަޒްރަލްދާ ޒާހިރުގެ ފިރިކަލުން، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރުމަށް އެދި ކްރިމިނަލް ކޯޓުގެ ޤާޟީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެކެވެ.

އެ މައްސަލައިގެ އަޑުއެހުމަށް އަޒްމިރަލްދާ މިއަދު ވަނީ ޖޭއެސްސީއަށް ޙާޟިރުވެ ވަޑައިގެންފައެވެ.

ޖޭއެސްސީގައި މި މައްސަލައަށް ޖަވާބުދާރީގެ ވަޑައިގަންނަވަމުން ޑރ. އަޒްމިރަލްދާގެ ވަކީލް މިއަދު ވިދާޅުވެފައިވަނީ ޖޭއެސްސީންކުރާ ތުހުމަތުތަކަށް ފަނޑިޔާރު ޑރ. އަޒްމިރާލްދާ އިންކާރު ކުރަށްވާ ކަމަށެވެ. އަދި އެއީ އަސްލެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށްވެސް އަޒްމިރަލްދާގެ ވަކީލް ވިދާޅުވިއެވެ.

މައްސަލައިގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ބާއްވަން ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލް އިބްރާހިމް ޝަމީލް މީގެލުރިން ޖޭއެސްސީގައި އެދިވަޑައި ގެންނެވި ނަމަވެސް ޖޭއެސްސީން ނިންމާފައިވަނީ އަޑުއެހުން ހުޅުވާލައިގެން ކުރިއަށް ނުގެންދިއުމަށެވެ.

މި މައްސަލައާ ގުޅިގެން މީގެ ކުރިން އަޒްމިރަލްދާގެ ވަކީލު ނެރުނު ބަޔާނެއްގައި ވިދާޅުވީ ޖިނާއީ ކުށެއްގެ ތުހުމަތު ވެސް ނެތީސް، ހައްޔަރުކުރި ޑރ. އިސްމާއިލް ބަންދުން ދޫކުރަން ފަނޑިޔާރު އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ތުހުމަތެއް ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅާފައިވެސް ނުވާނެ ކަމަށާއި އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވާފައި ނުވާނެކަން ބަޔާންކޮށް ތަފްސީލާ އެކު ޖޭއެސްސީއަށް ސިޓީއަކުން އަންގާފައިވާނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މި މައްސަލާގައި ޖޭއެސްސީން ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ސަސްޕެންޑް ކޮށްފައިވާއިރު މީގެ ކުރިން ޖޭއެސްސީން ވަނީ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވެސް އެ ކޮމިޝަނަށް ޙާޒިރު ކޮށްފައެވެ. ސަސްޕެންޑްކުރި ފަނޑިޔާރުންގެ ތެރޭގައި ދެން ހިމެނިވަޑައިގަންނަވާ ސުއޫދު ވަނީ މިދިޔަ ހަފުތާގައި މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ޑރ. އަޒްމިރަލްދާ ކްރިމިނަލް ކޯޓުގެ ޤާޟީންނަށް ނުފޫޒު ފޯރުވުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނާ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވެސް ދަނީ ބަލަމުންނެވެ. އެކަމާ ގުޅިގެން އަޒްމިރަލްދާ ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލް ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ އޭނާގެ މައްސަލަ އޭސީސީއަށް ހުށަހަޅުއްވައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން