މިނިސްޓަރު އިހުސާން
މިނިސްޓަރު އިހުސާން
ވައުދު ފުއްދަވަން ހޯމް މިނިސްޓަރު އަލީ އިހުސާން ނ. ހޮޅުދޫއަށް ދެވަނަ ފަހަރަށް ވަޑައިގެންފި އެވެ.

ޝައްކު ކުރެވޭ ގޮތަށް ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރާ ގުޅިގެން މިނިސްޓަރު އެންމެ ފުރަތަމަ އެ ރަށަށް ވަޑައިގެންނެވީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.

އެފަހަރު މިނިސްޓަރު އެ ރަށުން ފުރާވަޑައިގަންނަވަން އުޅެނިކޮށް ބަޔަކު ބައްދަލުކުރައްވަން އެދިވަޑައިގެންނެވި ނަމަވެސް ފަހުން އެނބުރި ވަޑައިގަންނަވާނެކަމަށް އިހުސާން ވައުދުވެވަޑައިގަތުމަށް ފަހު އެ ރަށުން ފުރާވަޑައިގަތީ އެވެ.

"އެވަގުތު އަޅުގަނޑު ވަރަށް އަވަހަށް އެރަށަށް އަދި ދާނެކަމަަށް ތަކުރާރުކޮށް ބުނުމުންވެސް ދެން އެރަށަށް އަޅުގަނޑު ނުދާނެކަމަށް އެބޭފުޅާ ދަންނަވަމުންދިޔަ. އެވަގުތު އަޅުގަނޑުގެ ޝެޑިއުލް ބަލާފައި 9 މާރޗް 2025 ވަނަދުވަހު އިރާދަކުރެއްވިއްޔާ އެރަށަށް ދާނެކަމަށްބުނިން. ނަމަވެސް އެބޭފުޅާ ދިޔައީ އަޅުގަނޑު އެރަށަށް ނާންނާނެކަމަށް ތަކުރާރުކޮށް ދަންނަވަމުން." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހޮޅުދޫއަށް އެނބުރި ވަޑައިނުގެންފިނަމަ 10 މާޗުގައި ވަޒީފާގައި ނުހުންނަވާނެކަމަށް ވެސް ވިދާޅުވި ކަމަށެވެ.

"ނަމަވެސް 9 މާރޗު 2025 ވަނަ ދުވަހު ކެބިނެޓްގެ ބައްދަލުވުމެއް ބާއްވަން ހަމަޖެހުމުން އަޅުގަނޑުވާނީ 6 މާރޗް 2025 ގައި އެރަށަށް ދެވަނަ ފަހަރަށްގޮސް ރައްޔިތުންގެ ތެރެއިން ވަކިން ބައްދަލުކުރަން އެދުނު ފަރާތްތަކާއި ބައްދަލުކޮށްފައި." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ހޮޅުދޫއަށް ވަޑައިގަތް ފުރަތަމަ ފަހަރު އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވިދާޅުވީ ޒަކިއްޔާގެ މަރުގެ މައްސަލާގައި ފުލުހުންގެ ބަޔަކު ވިޔަސް އިހުމާލު ވެފައިވާނަމަ އެކަން ބައްލަވާނެ ކަމަށެވެ.

ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހު އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ކައިރީ ހުރި ގުދަނަކުންނެވެ. ނަމަވެސް އޭނާ މަރާލިކަމުގެ ތުހުމަތު އެއްވެސް މީހަކަށް އަދި ނުކުރެވޭކަމަށް ފުލުހުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން