ސުޕްރީމް ކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު އަނެއްކާވެސް ހުޅުވާލައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު ހުސްވީ އެ ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު ނިމިގެން ދިޔަ ހަފްތާގައި އިސްތިއުފާ ދެއްވުމާ ގުޅިގެނެވެ. އެހެންވެ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ހޯމަ ދުވަހުވެސް ވަނީ ހުޅުވާލައިފައެވެ.

އިއްޔެ ހެނދުނު 11 ޖެހުމާ ހަމައަށް އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު ފަނޑިޔާރުކަމަށް ކުރިމަތިލެއްވީ އުސްތާޒާ ނިހާޔަތު އެކަނިކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ކުރިން ސިވިލް ކޯޓުގެ ގާޒީކަމާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ އެސިސްޓަންޓް ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުވެސް ނިހާޔަތު ފުރުއްވިއެވެ. އަދި އޭނާ 2016 އިން 2019އަށް ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް ފުރުއްވިއެވެ.

ނަމަވެސް ރޭ ޖޭއެސްސީގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށްފަހު ނިންމާފައިވަނީ، އެ މަގާމަށް އެކަށީގެންވާ އަދަދަށް މީހުން ކުރިމަތިލާފައި ނުވާތީ އަލުން އިއުލާނެއް ކުރުމަށެވެ. އަދި މިހާރު ވަނީ އެ ފުރުސަތު އަލުން ހުޅުވާލާ އިއުލާނު ވެސް ގެޒެޓް ކޮށްފައެވެ.

އިއުލާނުގައިވާ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 30 އަހަރު ވެފައިވުން، އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން އަދި ފަނޑިޔާރުކަން ނުވަތަ ގާނޫނީ ވަކީލުކަން ނުވަތަ މި ދެކަމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން