ދައުލަތުގެ ޚަރަދުކުޑަކޮށް ސަރުކާރު ހިންދެމިލަން މަސައްކަތް ކުރާތަން ފެނިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް ޔާމީން އަބުދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީ.އެން.އެފްގެ ފްރަންޓް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ކުރީގެ ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ޢަމަލީގޮތުން މަސައްކަތްކުރާތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެގޮތުން، ބޭކާރު ޚަރަދުތައް ކުޑަކޮށްގެން ސަރުކާރު ހިންގުމަށް މަސައްކަތްކުރާތަން ފެނިވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސަރުކާރުގެ ޚަރަދުތައް ކުޑަނުކުރާނަމަ، ރާއްޖެއަށް ބޭރު ޤައުމުތަކުން އެހީ ދިނަސް، އެއީ "ފޫނެއް ފަޔަށް ފެން ފުރުން" ފަދަ ކަމަކަށްވާނެ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. އަދި މި ހާލަތުގައި ބޭރު ޤައުމުތަކުން ރާއްޖެ އަށް އެހީ ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"ސަރުކާރުގެ ވިލް ޕަވަރ (ޢަޒުމް) އެބަހުރިކަން ސާބިތުކޮށްދޭ އެއްވެސް ކަމެއް ސަރުކާރުގެ ޢަމަލުތަކުން ދައްކާފައެއް ނެތް. ސަރުކާރުގެ ޚަރަދު ކުޑަކޮށްގެން ސަރުކާރު ހިންގުމަށް މަސައްކަތްކުރާތަނެއް ނުފެނޭ. އެހެންކަމުން، މިއީ 'ފޫނެއް ފަޔަށް ފެން ފުރުން' ފަދަ ކަމެއް. ބޭރު ޤައުމުތަކުން އެފަދަ ކަމެއް ނުކުރާނެ. ދިވެހިރާއްޖޭގެ ޤާބިލުކަން ހުންނަންވާނީ އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް ކަންކަން ކުރެވޭ މިންވަރެއްގައި،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ރާއްޖެއަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލައަކީ ފާހަގަކޮށްލެވޭ ކަމެކެވެ. ނަމަވެސް، މިއަދުގެ ސަރުކާރަށް ދިމާވެފައިވާ ގޮންޖެހުންތަކަކީ ކުރީގެ ސަރުކާރުގެ ދަރަނީގެ ސަބަބުން ދިމާވި ކަމެއް ކަމަށް ބުނެ އެކަމަށް އުޒުރު ދެއްކުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފައިސާ ޗާޕްކުރުމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކާ ގުޅިގެން ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި، މިހާރުގެ ސަރުކާރަށް ފައިސާ ޗާޕްނުކޮށް އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމުގެ ފުރުޞަތު ލިބިފައިވާ ކަމަށެވެ. މިގޮތުން، ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުން ކޮވިޑް-19ގެ ދަނޑިވަޅުގައި ޗާޕްކުރި ފައިސާގެ 75 އިންސައްތަ، ނުވަތަ 3.6 ބިލިއަން ރުފިޔާ، މިހާރުގެ ސަރުކާރަށް ޚަރަދުކުރުމަށް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އިޤްތިސާދީ ހާލަތުން އަރައިގަތުމަށް ވެރިކަމާއި ހަވާލުވުމުގެ ކުރިން ސަރުކާރަށް ގާތްގަނޑަކަށް ދެމަހެއްހާ ދުވަހުގެ މުއްދަތެއް ލިބުނު ކަމަށެވެ. އަދި މި މުއްދަތުގައި އެކި ފަރާތްތަކުން ދަރަނި ދިނުމާއި، ދަރަނި އަލުން އެކުލަވާލުމާ ގުޅޭ ގޮތުން އެކި ވާހަކަތައް ދެކެވުނު ކަމަށް ޔާމީން ވިދާޅުވިއެވެ.

އެހެންކަމުން، މިހާރުގެ ސަރުކާރަށް ދިމާވެފައިވާ ގޮންޖެހުންތަކަކީ ހަމައެކަނި ކުރީގެ ސަރުކާރުގެ ދަރަނީގެ ސަބަބުން ދިމާވި ކަމެއް ކަމަށް ބުނެ، އެކަމަށް އުޒުރު ދެއްކުމުގެ ޖާގައެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަނެއްކާ އެމީހުންނަށް (ސަރުކާރަށް) ލިބުނޭ ގާތްގަނޑަކަށް ދޮޅުމަސް ދެމަސް ވަންދެން، އެހެންވެގެން ނޫންތޯ ހުރިހާ ތާކުން ފެހި ސިގްނަލްތަކާއި ދަރަނި ދޭނެ ފަރާތްތަކާއި ދަރަނީ ރީސްޓްރަކްޗަރ ކޮށްދޭނެ ފަރާތްތަކުގެ ވާހަަކަ ދައްކަމުން އައީ. އެހެންވީމަ އެއީކީ އޭގެ ޒާތުގައި އެވަރުގެ ބޮޑު ލޯނެއް އޮތުން އެއީ އޭގެ ޒާތުގައި މިސަރުކާރަށް ދިމާވެފައިވާ މައްސަލައަކީ، އެއީ ކަމަށްހަދާފައި އެކަމަށް ފޫޅުކަނޑާފައި އެކަމަށް ބަރޯސާކޮށްފައި އެކަމާއި ހެދިއޭ ނުވެގެން މިއުޅެނީ އެހެން ބުނާކަށް ޖާގައެއް ނެތް،" ރައީސް ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައިވާއިރު މި އަހަރުގެ ފެބްރުއަރީ މަސް ނިމުމާ ހަމައަށް މި ސަރުކާރުން ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީ ވެސް ލިބިފައެއް ނުވެއެެވެ. އެގޮތުން މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި ހިލޭ އެހީއާއި ލޯނުގެ 96 އިންސައްތަ ސަރުކާރަށް ލިބިފައިނުވާކަން ފާހަގަކުރެވެއެވެ.

ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވެސް ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ވެސް އެދުނު ގޮތަށް ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރަން ސަރުކާރަށް ގޮވާލައްވައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން