ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށްޓަކައި 75 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް އެޅުމަކީ އަމާންކަން ޤާއިމް ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްސަ ސަމާލުކަން ހާމަވާ ކަމެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާ އިން ބުނެފިއެެވެ.

ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށްޓަކައި 75 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް އެޅުމަށް ސަރުކާރު ހިއްސާވާ ތިން ކުންފުންޏަކާއި ވަނީ ހަވާލުކޮށްފައެެވެ. ފުލުހުންގެ ޚިދުމަތުން ބުނީ މި މަޝްރޫޢުގެ ދަށުން އެމްޓީސީސީން 15 ރަށެއްގައި، އާރްޑީސީއިން 20 ރަށެއްގައި އަދި ފެނަކައިން 40 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމަޝްރޫޢު ތަކުގެ މަސައްކަތް މިއަހަރު ތެރޭގައި ފަށާނެ ކަމަށާއި އޭގެތެރެއިން ބައެއް މަޝްރޫޢުތައް މިއަހަރު ނިމޭނެ ކަމަށެވެ. އެ މިނިސްޓްރީ އިން ބުނީ މިއީ ފުލުހުންގެ 91 އަހަރުގެ ދިގު ތާރީހުގައި ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްޤީޤެ މަޝްރޫޢު ކަމަށެވެ.

"ފުލުހުންގެ ޚިދުމަތް ގާއިމުނުވެވާ 70 ރަށެއް އޮތުމާއެކު މިހާ ކުރުމުއްދަތެއްގެ ތެރޭގައި ހޯދޭ މި ބޮޑު ކުރިއެެރުމަކީ މި ޤައުމުގެ އަމާންއަމާންކަން ޤާއިމް ކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްސަ ސަމާލުކަން ހާމަވެގެންދާ ކަމެކެވެެ." ދާޚިލީ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުންގެ 91 އަހަރުގެ ތާރީހުގައި މިހާތަނަށް މުޅި ރާއްޖޭގައި ހުރީ ޖުމުލަ 17 އަމިއްލަ ސްޓޭޝަނެވެ. ފުލުހުން ބުނީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހާ ހަމައަށް ފުލުހުންގެ ޚިދުމަތް ގާއިމުނުވެވާ 70 ރަށެއް އޮތް ކަމަށެވެ. ނަމަވެސް މި މަޝްރޫއުގެ ސަބަބުން، އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން މީހުން ބަދަލުކުރެވޭ ރަށްތައް ފިޔަވައި، ފުލުހުންގެ ޚިދުމަތް ގާއިމުނުކުރެވިވާ ހުރިހާ ރަށެއްގައި އަމިއްލަ އިމާރާތަކާއެކު ފުލުހުންގެ ޚިދުމަތް ގާއިމުކުރެވިގެން ދާނެެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން