ތިން ރަށެއްގައި ކުޅިވަރު ކުޅޭ ދަނޑުތައް ނިންމަން އާރުޑީސީއަ ހަވާލުކުރުން--
ތިން ރަށެއްގައި ކުޅިވަރު ކުޅޭ ދަނޑުތައް ނިންމަން އާރުޑީސީއަ ހަވާލުކުރުން--
ތިން ރަށެއްގައި ކުޅިވަރު ކުޅޭ ދަނޑުތަކުގެ މަސައްކަތް ކުރިއަށް ގެންދަން ސްޕޯޓްސް މިނިސްޓްރީއިން އާރުޑީސީއާ ހަވާލުކޮށްފި އެވެ.

އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިވެސްކޮށްފަ އެވެ. އެ އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރު އެވެ.

އާރުޑީސީއާ ހަވާލުކުރީ އދ. ހަންޏާމީދޫ އާއި އއ. މާޅޮހުގެ ފުޓްބޯޅަ ދަނޑު ތަރައްގީކޮށް އއ. ތޮއްޑޫގެ އިންޑޯ ބެޑްމިންޓަން ކޯޓު ނިންމުމަށެވެ.

އޭގެ އިތުރުން ކ. ކާށިދޫގެ ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޑްރޭގް ބްރަޝް މެޝިން ހޯދުމަށް ވެސް ވަނީ އާރުޑީސީއާ ހަވާލުކޮށްފަ އެވެ.

އެ މަޝްރޫއުތަކުގެ ތެރެއިން ހަންޏާމީދޫގެ ފުޓްބޯޅަ ދަނޑު ތަރައްގީކުރަން އާރުޑީސީއާ ހަވާލުކުރީ 90 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 5.8 މިލިއަން ރުފިޔާ އަށެވެ. އެގޮތުން އެ ދަނޑު އަޅަން ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުމާއި، ވަށާފާރު ރޭނުމާއި، ފެންސް ޖެހުމުގެ މަސައްކަތް އާރުޑީސީން ކުރާނެ އެވެ.

އަދި މާޅޮހުގެ މަސައްކަތް ހަވާލުކުރީ ތިން މަސް ތެރޭ ނިންމާ ގޮތަށް 11.9 މިލިއަން ރުފިޔާ އަށެވެ. އެގޮތުން އެ ދަނޑަށް ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުން، ލައިޓިން ސިސްޓަމް ހަރުކުރުމާއި ވަށާފާރު ރޭނުމުގެ އިތުރުން ފެންސް ޖެހުމާއި ރޮސްޓްރަމްގެ މަސައްކަތް އާރުޑީސީން ކުރާނެ އެވެ.

ތޮއްޑޫ ބެޑްމިންޓަން ކޯޓު ހަވާލުކުރީ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ފަސް މިލިއަން ރުފިޔާ އަށެވެ.

އަދި ކާށިދޫގެ ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޑްރޭގް ބްރަޝް މެޝިން ހޯދުމަށް އާރުޑީސީއާ ހަވާލުކުރީ 86،400 ރުފިޔާ އަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން