އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު
އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު
މިި ސަރުކާރުން ފުލެޓް ވެރިންނާ މެދު އަމަލު ކުރަމުން ދަނީ އިސްރާއީލްގެ ސަރުކާރުން އަމަލުކުރާހެން ކަަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެކްސްގައި މިއަދު އާންމުކުރެއްވި ވީޑިއޯއެއްގައި ޝާހިދު ވިދާޅުވީ، ގާނޫނުއަސާސީގެ 40 ވަނަ މާއްދާގެ ށ ގައި ބަޔާންކޮށްފައި ވަނީ މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެވޭނޭ އެއްޗެއް ނޫންކަމަށާއި މީހެއްގެ މުދާ ނަގަން ލާޒިމުކުރާ ހާލަތެއްގައި ވެސް ކޯޓުގެ ހުކުމަކުން އަދުލުވެރި ބަދަލެއް ދިނުމަށްފަހުގައި މެނުވީ މީހެއްގެ މުދަލެއް ނުނެގޭނެ ކަމަށެވެ.

އަދި ހަތަރުހާސް ފުލެޓްގެ ހައްގުވެރިން އެމްޑީޕީ ސަރުކާރުގައި ކަނޑައަޅާފައިވާނޭ ކަމަށާއި ގަދަބާރުން ލިސްޓަށް ބަދަލުގެނެސް ފުލެޓްގެ ހައްގުވެރިން އަތުން ފުލެޓް އަތުލައިގަތުމަކީ ގާނޫނީ އިމުން ބޭރުން ހިންގާ ޖަރީމާއެއްކަމަށާއި ސަރުކާރުން ވަނީ އެތައް އާއިލާއެއް މަގުމަތިކޮށްފައިކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

“އަޅުގަނޑުމެންނަށް މިހާރު ފެނިގެން މިދަނީ، އިސްރާއީލުގެ ސަރުކާރުން އަމަލުކުރަމުން ގެންދާގޮތަށް އަޅުގަނޑުމެންގެ ރައްޔިތުންގެ ހައްގުތައް، ހަތަރުހާސް މީހުންގެ ހައްގުތައް، އެމީހުންގެ ބޯހިޔާވަހިކަން އެމީހުންގެ ގެދޮރު ނިގުޅައިގެންފައިވާ ތަން. ރަމަޟާން މަހަށް ހަނދު ބެލި ރޭ، އިސްރާއީލްގެ ސަރުކާރުން ފަލަސްތީނުގެ ރައްޔިތުންނަށް އަމަލުކުރާހެން އަޅުގަނޑުމެންގެ ލޮބުވެތި ރައްޔިތުންގެ ތެރެއިން ހަތަރުހާސް ފުލެޓް އެ ނިގުޅައިގަތީ” ޝާހިދު ވިދާޅުވެފައިވެއެވެ.

ޝާހިދު ވިދާޅުވީ މި ސަރުކާރަކީ އިސްރާއީލް ސަރުކާރެކޭ އެއްވަރަށް އަނިޔާވެރި ސަރުކާރެއްކަން މިއަދު މިއޮތީ ފެންނަންކަމަށާއި ގާނޫނުއަސާސީގެ އިމުގެ ތެރެއަށް ސަރުކާރުން ވަނުމަށް ގޮވާލައްވާކަމަށެވެ.

ޝާހިދު މިހެން ވިދާޅުވެފައި މިވަނީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓް ލިބޭ މީހުންގެ ލިސްޓް މި ސަރުކާރުން އަލުން ރީއިވެލުއޭޓްކޮށް ކުރިން ލިސްޓްގައި އޮތް ގިނަ ބަޔަކު އުނިކުރުމަށްފަހު އާ ލިސްޓް އާންމުކުރުމާއި ގުޅިގެނެވެ. މި ސަރުކާރުން ލިސްޓް އާންމު ކުރުމަށްފަހު ބުނެފައިވަނީ މިފަހަރުގެ ލިސްޓަކީ ރާއްޖޭގެ ތާރީހުގައި ވެސް އެއްވެސް ނުފޫޒެއްނެތި ތައްޔާރު ކުރެވުނު ފުލެޓް ލިސްޓްކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން