އިދިކޮަޅު އެމްޑީޕީން މާލޭގައި ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާތައް ރަމަޟާން މަހުގެ ފަހު ދިހައަކަށް މެދުކަނޑާލަން ނިންމައިފިއެވެ.

"ފްލެޓްގެ ހައްގު ހޯދުމަށް އަޑުއުފުލުން" ނަމުގައި މި ރޯދަމަހުގައި އެމްޑީޕީން މާލޭގައި ކޮންމެ ރެއަކު ވެސް ދަނީ މުޒާހަރާކުރަމުންނެވެ. އެގޮތުން މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ އެމްޑީޕީން ގެންދަނީ ކޮންމެ ރެއަކު ވެސް ސަރުކާރާއި ދެކޮޅަށް އަޑު އުފުލަމުންނެވެ. އެގޮތުން މި ރަމަޟާން މަސް ފެށުނު ފަހުން އެމްޑީޕީން މެދުނުކެނޑި މުޒާހަރާ ކުރާތާ 12 ރޭ ވަނީ ވެފައެވެ.

ތަފާތު އެކި ޝުޢޫރުތައް ލިޔެފައިވާ ބޯޑްތަކާއެކު އެމްޑީޕީން ކުރަމުން ގެންދާ މުޒާހަރާތަކުގައި ކުރީގެ ސަރުކާރުން ފުލެޓް ދޭން ކަނޑައެޅި ފަރާތްތަކަށް ފުލެޓް ދިނުމަށާއި ސަރުކާރުގެ އެކި ސިޔާސަތުތަކަށް ފާޑުކިޔައި ރައީސް މުޢިއްޒުގެ އިސްތިއުފާ އަށް އަންނަނީ ގޮވާލަމުންނެވެ.

އެމްޑީޕީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެޕާޓީއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މުޒާހަރާތައް ރަމަޟާން މަހުގެ ފަހު 10 އަކަށް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ. ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު 10 އިގެ ރޭތައް މާދަމާ ރެއިން ފެށިގެން ފެށޭނެއެެވެ.

އެމްޑީޕީން ކުރިއަށް ގެންދާ މުޒާހަރާތައް މެދުކަނޑާލާފައިވަނީ އެ ހަރަކާތްތަކުގައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފު ކަންތައްތަކެއް ހިންގާ ކަމަށް ބުނެ އެކަން ތަކުރާރު ކުރާނަމަ އެޕާޓީއަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަން ކޮމިޝަނުން އެޕާޓީ އަށް ދީފައިވާ ދަނޑިވަޅެއްގައެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ އެމްޑީޕީގެ މުޒާހަރާތަކުގައި އާންމު ދަތުރުފަތުރާއި އާންމު ރައްޔިތުންނަށް ދަތިވާ ގޮތަށް އަދި އެއްވެ އުޅުމުގެ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ޝުއޫރު ފާޅު ކުރުމާއި ފުލުހުންގެ ވާޖިބަށް ހުރަސް އެޅުން ފަދަ ކަންކަން ހިނގާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ ކަންކަން ހުއްޓާލަން އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއަށް ވަނީ އަންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން