ބިދޭސީންތަކެއްގެ އަތުން އަތުލައިގަތް 530،000 ރުފިޔާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްއާން ވަހީދުގެ ގެއަށް ގެންދިޔަކަމަށް ފުލުހުން ތުހުމަތު ކޮށްފިއެވެ.

ފުލުހުން މިރޭ ހާމަކޮށްފައިވާ ގޮތުގައި ޝަމްއާން ދިރިއުޅޭގެ ބަލައި ފާސްކުރުމުގެ ތެރޭގައި ބައި މިލިއަނެއްހާ ރުފިޔާ ފެނިގެން އެ ފައިސާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި މައްސަލައާ ގުޅޭގޮތުން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ޑިޓެއިންކުރަން އާންމުކޮށް ހަރަކާތްތެރިވާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖްމަންޓު ސެކްޝަން ނޫން، އެެހެެން ސެކްޝަންތަކެއްގައި އުޅޭ މުވައްޒަފުންތަކެއް، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިން އުޅޭ ގެއެއް ބަލައި ފާސްކުރިކަން ފުލުހުން ހޯދި ހޯދުންތަކުން އެނގިފައިވާކަމަށެވެ.

އަދި އެ މުވައްޒަފުން ބަލައިފާސްކުރި ގެއިން ޑިޓެންޝަނަށް ގެންދިޔަ ބިދޭސީން އަތުގައި ގިނަ އަދަދެއްގެ ނަގުދު ފައިސާ ހުރިކަމަށާއި އެ ބިދޭސީންތައް ޑިޓެންޝަނަށް ގެންދިޔަތާ އެއް ދުވަސްފަހުން ޝަމްއާންގެ އަމުރަށް 530،000 ރުފިޔާއާއެކު ޑިޓެންޝަނުގައި ހުރި ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި މިނިވަންކުރި ކަން ތަހުގީގަށް މިހާތަނަށް ހޯދި ހޯދުންތަކުން އެނގިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނެފައިވަނީ، އެ ގެ ބަލައި ފާސްކުރަން އަމަލީގޮތުން އުޅުނު އިމިގްރޭޝަން މުވައްޒަފުން، މިނިވަންކުރި ބިދޭސީމީހާއާ މަގުމަތިން ބައްދަލުކޮށް، ބިދޭސީ އަތުގައި ހުރި ފައިސާތައް ހޯދިކަމަށާއި އެ ފައިސާތައް ހިފައިގެން ޝަމްއާން ދިރިއުޅޭ އިމާރަތަށް ވަތްކަން އެނގެން އޮތްކަމަށެވެ.

ފުލުހުން ބުނީ، މި މައްސަލާގައި ޝަމްއާން ދިރިއުޅޭ ގެ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި ކޯޓު އަމުރެއްގެ ދަށުން ފަސް މީހަކު ހުއްޓުވައި ބަލައި ފާސްކޮށް އެ މީހުންގެ އަތުގައި ހުރި އިލެކްޓްރޯނިކް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ފުލުހުން މިރޭ ވަނީ ބުނެފައެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ ތިން މީހަކު މިހާތަނަށް ހައްޔަރު ކޮށްފައިވެއެވެ.

އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާނަށް ކުރެވުނު ތުހުމަތާ އެކު އޭނާ މަގާމުން ވަކިކުރެއްވިކަން ރޭ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން