އިބްރާހިމް ފަހީމް   23 މާރިޗު 2025 - 0:22
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްއާން ވަހީދުގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން މިރޭ ބުނީ، ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރގެ ބަންދުގެ މުއްދަތު ޖެހުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރަށް އިމިގްރޭޝަން އޮފިސަރުންގެ ފެންމަތިވި މައްސަލަތަކާ ގުޅިގެން މި މަހު 20 ގައި ހައްޔަރުކުރި 3 މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަަށް ކޯޓަށް ހާޒިރު ކުރުމުން ދެ މީހުން 10 ދުވަހަށް އަދި އަނެއް މީހާގެ ބަންދަށް 3 ދުވަސް ޖެހުމަށް ކޯޓުން ނިންމާފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ޑިޓެއިންކުރަން އާންމުކޮށް ހަރަކާތްތެރިވާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖްމަންޓު ސެކްޝަން ނޫން، އެެހެެން ސެކްޝަންތަކެއްގައި އުޅޭ މުވައްޒަފުންތަކެއް، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިން އުޅޭ ގެއެއް ބަލައި ފާސްކުރިކަން ފުލުހުން ހޯދި ހޯދުންތަކުން އެނގިފައިވާ ކަމަށެވެ.

އަދި އެ މުވައްޒަފުން ބަލައި ފާސްކުރި ގެއިން ޑިޓެންޝަނަށް ގެންދިޔަ ބިދޭސީން އަތުގައި ގިނަ އަދަދެއްގެ ނަގުދު ފައިސާ ހުރިކަމަށާއި އެ ބިދޭސީންތައް ޑިޓެންޝަނަށް ގެންދިޔަތާ އެއް ދުވަސްފަހުން ޝަމްއާންގެ އަމުރަށް 530،000 ރުފިޔާއާއެކު ޑިޓެންޝަނުގައި ހުރި ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި މިނިވަންކުރިކަން ތަހުގީގަށް މިހާތަނަށް ހޯދި ހޯދުންތަކުން އެނގިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި އެ ފައިސާ ޝަމްއާންގެ ގެއަަށް ގެންދިޔަކަން ފުލުހުން މިހާތަނަށް ހޯދި ހޯދުމުން އެނގިފައިވާކަމަށް ވަނީ ބުނެފައެވެ.​

އެ މައްސަލާގައި ފުލުހުންނަށް ބަޔާން ދިނުމަށް ފުލުހުންގެ އިދާރާއަށް ޝަމްއާން ދިޔުމުން ވަނީ ހައްޔަރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން