ފައިސާގެ ދަތިކަމެއް ކުރިމަތިވެގެން ތެލަސީމިޔާ ޕޭޝަންޓުންނަށް ކޮށްދޭންޖެހޭ ކަމެއް ނުކޮށްދީ ނުބާއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ތެލަސީމިއާ ސެންޓަރުގެ ބައެއް ޚިދުމަތްތަކާއި ގުޅިގެން ތެލަސީމިއާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ ކަންބޮޑުވުންތަކާއި ގުޅިގެން ދެއްވި ބަސްދީގަތުމެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ފައިސާގެ ދަތިކަމެއް ކުރިމަތިވެގެން ތެލަސީމިޔާގެ ޕޭޝަންޓުންނަށް ކޮށްދޭންޖެހޭ ކަމެއް ނުކޮށްދީ ނުބާއްވާނެ ކަމަށާއި އެކަން އެމަނިކުފާނު ޔަޤީން ކުރައްވާނެ ކަމަށެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ތެލަސީމިޔާ ސެންޓަރުގައި މިހާރު ހުރިހާ މައްސަލައެއް ހައްލުކުރުމަށް ފައިސާގެ ގޮތުން ބޭނުންވާ އެއްވެސް ކަމެއް ދަތިނުވާނެގޮތަށް ކަންކަން ހަމަޖައްސާނެ ކަމަށެވެ. އަދި އެކަންކަން ކުރުމަށް ސަރުކާރުން ވަކި މުއްދަތެއް ކަނޑައަޅާފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތެލަސީމިޔާ ބަލިމީހުންގެ ކަންބޮޑުވުންތަކަށް އެދެވޭ ކުރިއެރުމެއް ލިބިފައިނުވާ ކަމަށާއި އެކަން އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެގޮތުން ސަރުކާރުގެ އެކި ފަރާތްތަކަށް ތެލަސީމިއާ ކަންކަމުގައި އުޅޭ ފަރާތްތަކުން މީގެ އަހަރެެއް ކުރިން ބައްދަލުކޮށްފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"ދެތިން ފަހަރުމަތިން ބައްދަލުކޮށް މައުލޫމާތު ހިއްސާކޮށްފައި އެބައޮތް ލިޔެކިޔުންތަކުގައި. ނަމަވެސް އަމަލީ ސިފައެއް ނައިސްއޮތީ. އެހެންވީމަ އިންޓަރނަލީ ގެންނަންޖެހޭ ބަދަލުތައްވެސް ގެންނަން ވާނީ އަޅުގަނޑު ނިންމާފައި. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި މިދެންނެވި ބަދަލުތައް ގެނެވޭނެ." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ އޮރެންޖު ހިޔާގެ ނަމުގައި ޢިމާރާތްކުރާ ތަނުގެ މަސައްކަތްވެސް އަވަސްކުރުމަށް އަންގަވާފައިވާނެކަމަށެވެ. އެ ޢިމާރަތަކީ ވަރަށް ޖާގަ ތަނަވަސް އަދި ހުރިހާ ވަސީލަތެއް ފުރިހަމަ ތަނެއްކަން ފާހަގަކުރަށްވައި ރައީސް މުޢިއްޒު ވިދާޅުވީ ތެލަސީމިއާކުދިންނާއި އެކުދިންގެ އާއިލާތަކަށް އެތަނަށް ދަތުރުކުރެވޭނެ ފަސޭހަ އިންތިޒާމުތަކެއްވެސް ކަނޑައަޅުއްވާފައި ވާނެކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ތަނުގައި ތެލަސީމިއާގެ ހުރި ހުރިހާ ދަތިތަކެއް ސީދާ އެމަނިކުފާނުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ތެލަސީމިއާ ކުދިންނާއި އާއިލާތަކަށް ހުރި ހުރިހާ ދަތިތަކަށް މި ސަރުކާރުން ޙައްލު ހޯދައިދޭނެކަމަށް ރައީސް މުޢިއްޒު ތަކުރާރުކޮށް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ތެލަސީމިޔާ ކަންތަކުގައި ދިމާވެފައިވާ ހުރިހާ ކަމެއްގައި ރަނގަޅު ހައްލު ތަކެއް ގެނެސްދޭނަން، ފައިސާގެ ގޮތުން ދަތިކަމެއް ދިމާވެގެން ކަމެއް ހައްލު ނުވެ އެއް ނޯންނާނެކަން އަޅުގަނޑު ސީދާ ޔަޤީންކުރާނަން، މިއަދުގެ ބައްދަލުވުމުގައި މިދެންނެވި ހުރިހާ ވާހަކަތަކުގައި އަޅުގަނޑު ވާނީ ޔަޤީންކޮށްފައި ކުރިއަށް އޮތްތަނުގައި އެހެން ނެތް ނުވާނެ،" ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން