މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ޒުވާން ގައިދީއަކު އަމިއްލައަށް މަރުވެއްޖެއެވެ.

ކަރެކްޝަންސް އިން ބުނީ މިއަދު ހަވީރު މަރުވީ ސ. މަރަދޫ، ފޯ ފްލާވާ، އިބްރާޙިމް ޝަމްވީލް، 23 ކަމަށެވެ. އޭނާ މަރުވީ ދަންޖެހިގެން ކަމަށް ކަރެކްޝަނުން ބުންޏެވެ.

ކަރެކްޝަނުން ބުނިގޮތުގައި އޭނާ ބަންދުކޮށްފައި ހުންނަ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުނީ މިއަދު ހަވީރު 4:20 ހާއިރު އެވެ. ދަންޖެހިފައި ހުއްޓާ ފެނުމާއެކު ޝަމްވީލް މާފުށީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް އޭނާ މަރުވީ މިއަދު ހަވީރު 4:55 ހާއިރު ކަމަށްވެސް ކަރެކްޝަންސް އިން މައުލޫމާތުދެއެވެ.

މިއަދު މަރުވި ޝަމްވީލް އަކީ މީހެއްގެ ފުރާނައަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދައްކާ އެފަދަކަމެއް ކޮށްފާނެ ކަމުގެ ކުށުގައި 1 އަހަރާއި 6 މަސް ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދިޔަ މީހެކެވެ.

ކަރެކްޝަންސް އިން ބުނީ މިފަދަ މައްސަލަތަކުގައި އަމަލުކުރާ އާންމު އުސޫލުގެ ދަށުން މި ހާދިސާގެ މައުލޫމާތު ގައިދީގެ އާއިލާ އާއި ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި މިކަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން