އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ފޯނުން ގުޅުއްވައި ބިރުދައްކަވައި، އިންޒާރުދެއްވިކަމަށް ބުނާ މައްސަލައިގައި ދައުވާ ނުކުރަން ނިންމައިފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ އެ މައްސަލަ ފުލުހުން ތަހުޤީޤުކުރުމަށް ފަހު، އިއްޔެ ޑިއުޓީ ޕްރޮސިކިއުޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލާގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދާފައިވާ ހެކި ޤަރީނާ އެ އޮފީހުން ދިރާސާކޮށް ބެލިއިރު، ރައީސް ޑރ. މުޢިއްޒު، ފިޔާޒަށް ގުޅައި އިންޒާރު ދިންކަމަށް ޤާނޫނީ ގޮތުން މާނަކުރެވޭނެ ފަދަ ބަހެއް ނުވަތަ އިބާރާތެއް ރައީސުލްޖުމްހޫރިއްޔާ ބޭނުންކުރައްވާފައިވާކަން އެނގެން ނެތް ކަމަށް ޕީޖީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އެހެންވެ މި މައްސަލައިގައި ދަޢުވާނުކުރުމަށް ނިންމައިފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ޕީޖީ އޮފީހުން ބުނީ ޙުސައިން ފިޔާޒް މޫސާގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް މައްސަލަ ހުށަހަޅުއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އޭނާއަށް ގުޅުއްވައި ދެއްކެވި ވާހަކަފުޅެއްގެ ތެރޭގައި "ޤާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށް" ވިދާޅުވެފައިވާތީ ކަމަށެވެ.

"މިއީ އިސްވެ ދެންނެވުނު ޤާނޫނީ ނައްސުތަކަށް ފެތޭ އިންޒާރުދިނުމުގެ ޢަމަލަކަށްނުވާތީ މިއީ ޖިނާއީ ދަޢުވާއެއް ކުރެވޭނެ މައްސަލައެއް ނޫންކަމަށް މި އޮފީހުން ނިންމީއެވެ،" ޕީޖީ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން