ރޭގެ މެޗްގައި ގޯލް ޖެހުމަށްފަހު ވޭލްސްގެ ނެކޯ ވިިލިއަމްސް
ރޭގެ މެޗްގައި ގޯލް ޖެހުމަށްފަހު ވޭލްސްގެ ނެކޯ ވިިލިއަމްސް
ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗްތަކުން ސްޕެއިން އާއި ވޭލްސް މޮޅުވިއިރު ޖަރުމަން ކުޅުނު މެޗުން އެއްވަރުވެއްޖެއެވެ.

ރޭ ޔޫކްރޭން އަތުން ސްޕެއިން މޮޅުވީ ހަތަރެއް ސުމަކުންނެވެ. ސްޕެއިނުގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމަށް ފުރަތަމަ ދެ ގޯލު ޖަހައިދިނީ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ. ސްޕެއިނުގެ ތިން ވަނަ ގޯލު ޖެހީ ފާޓީ އެވެ. އަދި ހަތަރު ވަނަ ގޯލު ޖެހީ ދާދި ފަހުން މެންޗެސްޓާ ސިޓީއާ ގުޅުނު ފެރާން ޓޮރޭޒް އެވެ.

ރޭގެ މެޗުގައި ޖެހި ގޯލާ އެކު ފާޓީ ވެފައިވަނީ ސްޕެއިނުގެ ތާރީހުގައި އެ ޓީމަށް ގޯލު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. ރޭގެ މެޗުގައި ލަނޑު ޖެހިއިރު ފާޓީގެ އުމުރަކީ 17 އަހަރާއި 311 ދުވަހެވެ. ސްޕެއިން އަށް ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ކުރިން އޮތީ މީގެ 95 އަހަރުން ކުރިން އުމުރުން 18 އަހަރާއި 344 ދުވަހުގައި ލަނޑުޖެހި ހުއާން އެރަޒްކުއީން އަތުގަ އެވެ. ފާޓީ އަކީ ސްޕެއިން ތާރީހުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ވާދަވެރި މެޗެއްގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.

ރޭ ރަޔާން ގިގްސްގެ ކޯޗުކަމުގައި ކުޅޭ ވޭލްސް އިން ވަނީ ފަހު ވަގުތު ނެކޯ ވިިލިއަމްސް ޖެހި ގޯލުން 1-0 އިން ބަލްގޭރިއާ ބަލިކޮށްފަ އެވެ.

އަދި މުބާރާތުގައި މޮޅެއް ހޯދުމަށް ޖަރުމަނުން ކުރަމުންދާ އިންތިޒާރުވެސް މިހާރު ވަނީ އިތުރަށް ދިގުލާގޮތް ވެފައެވެ. އެއީ މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އަމިއްލަ ދަނޑުގައި ސްޕެއިނާ އެއްވަރުވިއިރު، ރޭ ވެސް މެޗުގައި ރަށުން ބޭރުގައި ސްވިޒަލެންޑާ 1-1 އިން އެއްވަރުވުމުންނެވެ. ރޭގެ މެޗުގެ 14 ވަަނަ މިނިޓްގައި އިލްކާއި ގުންޑޮގާންގެ ގޯލުން ޖަރުމަނު ލީޑުނެގި އެވެ. ނަމަވެސް މެޗުގެ 57 ވަނަ މިނިޓްގައި ސްވިޒަލެންޑްގެ ސިލްވަން ވިޑްމެއާ ގޯލެއް ޖަހައި ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.

ރޭ ސާބިއާ އާއި ތުރުކީ ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އަދި ރަޝިއާ ވަނީ ރަށުން ބޭރުގައި 3-2 އިން ހަންގޭރީ ބަލިކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން